ކުޅިވަރު

ސެރީއޭ ތާވަލްގެ ދެވަނާގައި ރޯމާ ލީޑް ދަމަހައްޓައިފި


އިންޓަރމިލާންގެ މައްޗަށް ކުރި ހޯދާ، އިޓާލިއަން ސެރީއޭ ތާވަލްގެ ދެވަނާގައި ދަމަހައްޓަމުން އައި ލީޑް ރޯމާއިން ދިފާޢުކޮށްފިއެވެ.

ރޭ އިންޓަރމިލާންގެ ދަނޑު ސަންސީރޯގައި ކުޅުނު މެޗް ރޯމާ ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މެޗްގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ރޯމާއިންނެވެ މި ދެ ލަނޑު ކާމިޔާބުކޮށްދިނީ ރަޖާ ނައިންގޮލަންއެވެ. ފުރަތަމަ ލަނޑު މެޗްގެ 12 މިނެޓްގައި ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔަބުކޮށްދިނީ ދެވަނަ ހާފްގެ 11 ވަނަ މިނެޓްގައެވެ. ދެވަނަ ހާފްގެ 31 ވަނަ މިނެޓްގައި އިންޓަރ މިލާނަށް ލީޑް ކުޑަކޮށްދިނީ މައުރޯ އިކާރޑީއެވެ. 

މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް، ރޯމާއަށް ލީޑް އިތުރަށް ފުޅާކޮށްދިނީ ދެވަނަ ހާފްގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޑިއެގޯ ޕެރޮއްޓީއެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ރޯމާ ތާވަލްގެ ދެވަނާގައި އޮތީ 59 ޕޮއިންޓާއެކުއެވެ. އިންޓަރ މިލާން އޮތީ ތާވަލްގެ 6 ވަނާގައެވެ. އެއީ 48 ޕޮއިންޓާއެކުއެވެ. ތާވަލްގެ އެއްވަނާގައި 66 ޕޮއިންޓާއެކު އޮތީ ޔުވެންޓަސްއެވެ.