ކުޅިވަރު

އެފްއޭއެމްގެ އަމާޒު: ވަޞީލަތް ޤާއިމްކޮށް، ދަރަނި ކުޑަކުރުން


ވަޞީލަތްތައް ޤާއިމްކުރައްވައި، އެއިދާރާގައި އޮތް ދަރަނި ކުޑަކުރެއްވުމަށް އޮތް ސަމާލުކަން ބޮޑުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. ބައްސާމް މިހެން ވިދާޅުވީ މިއަހަރަށް 59.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެއްވުމަށްފަހުއެވެ. 

ހޮނިހިރު ދުވަހު އޮތް އެއިދާރާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ އިއްތިފާޤުން ފާސްކުރެއްވި ބަޖެޓްގެ 23 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވަނީ ވަޞީލަތްތައް ޤާއިމް ކުރެއްވުމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަތޮޅުތެރޭގައި ވަޞީލަތްތައް ޤާއިމްކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. އަދި ދިވެހި ޕްރިމިއަރ ލީގު މާލޭގައި ކުރިއަށްދާއިރު އަތޮޅު ތެރޭގެ ހަތަރު ޓީމްވެސް މާލޭގައި ތިބޭނެތީ ޕްރެކްޓިސް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މާލޭގައި އިތުރު ދެ ޓާފް ދަނޑު އަޅަން އެފްއޭއެމުން ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ފުޓްބޯޅަ އިތުރަށް މާކެޓްކުރައްވައި، ސަޕޯޓޠަރުންގެ އަދަދު އިތުރުކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މާކެޓިންގ ޕާރޓްނަރަކާއެކު ވަރަށް އަވަހަށް ސޮއިކުރައްވައި، މަސައްކަތް ފައްޓަވާނެކަމަސް ބައްސާމް ވިދާޅުވިއެވެ. މާކެޓިންގއަށް 3 މިލިއަން ރުފިޔާވެސް ވަނީ ބަޖެޓްގައި ކަނޑައަޅުއްވާފައެވެ.

އެފްއޭއެމްއިން 59.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެއްވި ނަމަވެސް ލިބޭނެކަމަށް އަންދާޒާކުރައްވާފައިވަނީ 59.1 މިލިއަން ރުފިޔާއެވެ. ބައްސާމް ވިދާޅުވީ ޑެފިސިޓް ބަޖެޓަކުން ސަލާމަތްވުމަށް އަހަރު ތެރޭގައި މަސައްކަތްކުރައްވާނެކަމަށެވެ.

އެފްއޭއެމްއަށް މިއަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބަޖެޓްގައި ހިމަނުއްވާފައިވަނީ ފީފާއިންނެވެ. ފީފާއިން 30.9 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރައްވާފައިވެއެވެ. އޭއެފްސީން ލިބޭނެކަމަށް އަންދާޒާކުރައްވާފައިވަނީ 3.8 މިލިއަން ރުފިޔާއެވެ. އަދި ޔޫތް މިނިސްޓްރީން ލިބޭނެކަމަށް ލަފާކުރައްވާފައިވަނީ 1.8 މިލިއަން ރުފިޔާއެވެ. ޓިކެޓް ވިއްކައިގެން 2.6 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އެފްއޭއެމްއިން އަންދާޒާކުރައްވައެވެ. ބައްސާމް ވިދާޅުވީ ޓިކެޓް ފައިސާއަށް ކުރެވޭ އުއްމީދު ބޮޑުވަނީ އޭޝިއަން ކަޕްގެ މެޗުތަކާއި، ދިވެހި ޕްރިމިއަރ ލީގުގައި އަތޮޅު ތެރޭގެ ހަތަރު ޓީމް ވާދަކުރާތީކަމަށެވެ. ސްޕޮންސަރޝިޕުން ލިބޭނެކަމަށް އަންދާޒާކުރައްވާފައިވަނީ 13 މިލިއަން ރުފިޔާއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެއިދާރާގެ ދަރަނި ހަލާސްކުރުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. ބަޖެޓްގައިވެސް ވަނީ އެކަމަށް 3 މިލިއަން ރުފިޔާ ހިމަނުއްވާފައެވެ. ބައްސާމް ވިދާޅުވީ މިއީ ދަރަނި އަދާކުރެއްވުމަށް އެއިދާރާގެ ބަޖެޓްގައި ފައިސާ ހިމެނުއްވި ފުރަތަމަ ފަހަރު ކަމަށެވެ.