ކުޅިވަރު

ލީގު ކަޕް މެންޗަސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފި


ސައުތަމްޕްޓަންގެ މައްޗަށް ކުރި ހޯދާ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް މެންޗަސްޓަރ ޔުނައިޓެޑް ހޯދައިފިއެވެ.

ވެމްބްލީގައި ރޭ ކުޅުނު ފައިނަލް މެޗް މެންޗަސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުން ސައުތަމްޕްޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މެޗްގައި ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ނެގީވެސް މެންޗަސްޓަރ ޔުނައިޓެޑުންނެވެ. މެޗްގެ ކުރީކޮޅު މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒްލަޓާން އިބްރަހިމޮވިޗާއި، ލިންގާޑްއެވެ. ސައުތަމްޕްޓަންއަށް ދެ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ގައްބިއަޑީނިއެވެ. އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ ތިންވަނަ މިނެޓްގައެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މެންޗަސްޓަރއަށް ލީގު ތަށި ހޯދައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރަހިމޮވިޗްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ މެޗް ނިމެން ތިން މިނެޓަށްވެފައިވަނިކޮށެވެ. 

ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު މޮރީނިއޯ ބުނީ މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށާއި، ހުރިހާ ޝުކުރެއް ހައްޤުވަނީ ޓީމުގެ ކުޅުންތެރިންނަށް ކަމަށެވެ. އަދި މެންޗަސްޓަރއަށް އައީވެސް މި ކާމިޔާބީތައް ހޯދަންކަމަށް މޮރީނިއޯ ބުންޏެވެ. 

މިއީ މޮރީނިއޯ ހޯދި ހަތަރުވަނަ ލީގު ކަޕެވެ. އޭނާ ވަނީ ޗެލްސީގައި މީގެ ކުރިން ތިން ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އިނގިރޭސި ލީގު ކަޕް އަށްފަހަރު ކާމިޔާބުކޮށްގެން އެންމެ ގިނަ ލީގު ތަށި ހޯދާފައިވަނީ ލިވަރޕޫލެވެ.