ކުޅިވަރު

ނިޒާމްބެ ފައިނަލަށް ދިއުމަށް ކެތްމަދުވެފަ


ޓީސީ ސްޕޯރޓްސް ކްލަބް ވާދަކުރާ ފުރަތަމަ ބަިއނަލްއަޤްވާމީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ހުރިހާ ކުޅުންތެރިންނާއި، މުޅި ޓީމްވެސް ކެތްމަދުވެފައި އޮތްކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.

މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދި ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ހުރިހާ ކުޅުންތެރިންގެވެސް ރޫހު ވަރަށް ރަނގަޅު ކަމަށާއި، ފައިނަލަށް ދިއުން ނޫން ވިސްނުމެއް ނެތްކަމަށެވެ. މިއަދު ނޭޕާލްގެ މަނަންގއާއި ދެކޮޅަށް ނިކުންނައިރު ޓީމްގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ނިޒާމް ބުންޏެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުގައި ކޮރެއާގެ ޕޮޗެއޯން އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު އަލީ ނާފިއުއާއި، މުޙައްމަދު އިންޝާދު ނުކުޅެއެވެ. ނަމަވެސް މިއަދުގެ ސެމީފައިނަލް މެޗަށް ދެ ކުޅުންތެރިންވެސް ވަނީ ފިޓްވެފައެވެ.

ޓީސީ ސެމީފައިނަލުން ޖާގަ ހޯދީ ފުރަތަމަ ދެމެޗުން މޮޅުވެ، ފަހު މެޗު އެއްވަރުކޮށް 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. 

ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕް ސެމީފައިނަލްގައި ޓީސީއާއި މަނަންގ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 17:15 ގައެވެ.