ޚަބަރު

މަސްދަޅަށް މާކެޓް ހޯއްދަވަން ޑރ.ޝައިނީ ދެކުނު އެފްރިކާއަށް


ރާއްޖޭގެ ދަޅުމަހަށް މާކެޓް ހޯއްދެވުމަށްޓަކައި ފިޝަރީޒް މިނިސްޓަރު ޑރ.މުޙަންމަދު ޝައިނީ ދެކުނު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ. 

މިނިސްޓަރ ޝައިނީ ދެކުނު އެފްރިކާއަށް ފުރައި ވަޑައިގެންފައިވަނީ، ރޭ ދިހައެއްޖަހާ އެހާކަންހާއިރުއެވެ. މިނިސްޓަރ ޝައިނީގެ މި ދަތުރުފުޅަކީ ރާއްޖޭގައި ބަންދުކުރާ މަސްދަޅުގެ އުފެއްދުންތައް ދެކުނު އެފްރިކާގެ ބާޒާރަށް ތައާރަފްކޮށްދެއްވައި، މަހުގެ އުފެއްދުންތަކަށް މާކެޓް ހޯއްދަވައިދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފުޅަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރ ޝައިނީ ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ތައާރަފްކުރެއްވުމަށް އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ދެކުނު އެފްރިކާއަށް ކުރާ މި ދަތުރުގައި އެޤައުމުގެ އެންމެބޮޑު ސުޕަމާކެޓްޗެއިންކަމަށްވާ ވޫލްވޯތަށް ދިވެހި މަސްދަޅުގެ އުފެއްދުންތައް ތަޢާރަފްކުރެއްވުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ބައިނަލްއަޤްވާމީ ބާޒާރުގެ އެންމެ ބޮޑު އަގު ހޯދައިދިނުމަކީ އަދުގެ ސަރުކާރުން ހާއްޞަ  އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

ރާއްޖޭގައި ބަންދުކުރާ މަސްދަޅުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ތައާރަފްކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ދެކުނު އެފްރިކާއަށް ފުރައިވަޑައިގެންފައިވާއިރު، ދާދި ފަހަކުން ދިވެހި ކުންފުންޏަކަށް ވަނީ ފެއަރ ޓްރޭޑް ސެޓްފިކެޓް ލިބިފައެވެ.