ކުޅިވަރު

ޗެމްޕިއަންކަން ހޯދީ ކަސްޓަމާއި، އިމިގްރޭޝަން


އިންޓަރ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވްސް އިމިގްރޭޝަން ހޯދައިފިއެވެ. 

މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދީ ރޭ ކުޅުނު ފައިނަލްގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާ ވާދަކޮށް 29 ޕޮއިންޓް 20 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ކަސްޓަމްގެ ޙުސައިން ޙަލީމްއެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެއަޕޯރޓްގެ އަހުމަދު ފައިސަލް، އިބްރާހީމް އިޔާޒް، ހުސެއިން ނާދިމް، ކަސްޓަމްސްގެ ހުސެއިން ޝުއައިބު، ހުސެއިން ހަލީމް، ހުސެއިން ހަލީމް އަދި މުޙައްމަދު ފައިސަލްއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިމިގްރޭޝަން ހޯދީ ފައިނަލްގައި ކަސްޓަމް ބަލިކޮށްގެންނެވެ. ވޭތުވެދިޔަ ދެ އަހަރުގެވެސް ޗެމްޕިއަން އިމިގްރޭޝަން ފައިނަލް މެޗް ކާމިޔާބުކުރީ 30 ޕޮއިންޓް 13 ޕޮއިންޓުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އިމިގްރޭޝަންގެ ފަދުވާ ޒާހިރެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ފަދުވާ ހިމެނެއެވެ. ދެން ހިމެނެނީ އިމިގްރޭޝަންގެ ނަޝްފާ އާމިރާ، މަރިޔަމް މިރުފަތު، ކަސްޓަމްސްގެ ލަޔާން އަލީ ރަޝީދު، އައިމިނަތު ހަލީމް، އައިމިނަތު ނަޒްރާ އަދި އެއަޕޯރޓްގެ އީމާ އަބުދުއްސައްތާރެވެ.

ރޭގެ މެޗް ނިމުމުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމްތަކަށްވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައެވެ. ރޭގެ ފައިނަލް މެޗްތަކުގެ ތެރެއިން ނެޓްބޯލް އެސޯސިއޭޝަނުންވަނީ މިއަހަރު ނެޓްބޯޅަ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮނީ ސްޕޯޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އަދި ރާއްޖެއިން ހިމަބިހި ނައްތާލުމަށް ފަށާފައިވާ " މަވެސް ޖަހައިފިން " ކެމްޕެއިންގެ ދަށުން ޤައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިއެއްކަމަށްވާ އީމާ އަބްދުއްސަތްއާރާއި އަރަމުން އަންނަ ޓީޓީ ކުޅުންތެރިޔާ ޢާއިޝަތު ރަފާ ނާޒިމް ވަނީ ރޭގެ ފުރަތަމަ މެޗަށްފަހު ވެކްސިން ޖަހާފައެވެ. މީ ކުޅިވަރު ކުޅޭ ކުޅުންތެރިންގެ މެދުގައި މިކަމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ނެޓްބޯލް އެސޯސިއޭޝަނުން އިސްނަންގަވައިގެން ފެއްޓެވި ޙަރަކާތެކެވެ.