ޚަބަރު

ހީވާގި ކަނބަލުންގެ މަޢުރަޒު - 70 އިންސައްތަ ތަކެތި ވިކިއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން ބާއްވަވާ "ހީވާގި ކަނބަލުން" މައުރަޒުގައި ބަހައްޓާފައިހުރި ތަކެތީގެ ތެރެއިން ހަތްދިހަ އިންސައްތަ ތަކެތި ވިކިފައިވާކަމަށް އެ މައުރަޒުގެ އިންތިޒާމް ކޮމިޓީން ބުނެފިއެވެ. ހީވާގި ކަނބަލުންގެ މައުރަޒު ކުރިޔަށްދާނީ މާދަމާ ރޭގެ 12 ޖެހުމާ ހަމައަށެވެ. 

"ހީވާގި ކަނބަލުން" މައުރަޒަކީ ކަނބަލުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އެއްތަނަކުން ދައްކުވައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުކުރުދުވަހު ޢާންމުންނަށް ހުޅުވާލުމާއެކު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެމައުރަޒަށް ޒިޔާރަތްކޮށްފައެވެ. ހޮނިހިރު ދުވަހާއި އާދީއްތަދުވަހު މައުރަޒު ހުޅުވާލާފައިވަނީ ފަތުވެރިންނަށެވެ. މިދެދުވަހު ގިނަ ޢަދަދެއްގެ ފަތުރުވެރިން ވަނީ މައުރަޒަށް ޒިޔާރާތްކޮށްފައެވެ. މިހާތަނަށް އާންމުންގެ ދިހަ ހާހަށްވުރެ ގިނަ މީހުން މައުރަޒަށް ޒިޔާރާތްކޮށްފައިވާއިރު، ފަތުރުވެރިންނަށް ހުޅުވާލި ދެދުވަހު ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ސައްބީސް ހާހަށްވުރެ ގިނަ ތަކެތި މައުރަޒަށް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ހަތްދިހަ އިންސައްތަ ތަކެތި ވިކިފައިވާކަމަށް މައުރަޒުގެ އިންތިޒާމް ކޮމިޓީން ވިދާޅުވެއެވެ. މީގެ ތެރޭގައި ދިވެހި އުފެއްދުންތަކުގެ ތެރެއިން އަތްތެރި މަސައްކަތްތަކުގެ ގިނަ ތަކެތި ފަތުރުވެރިން ގަނެފައިވާކަމަށް އެފަރާތުން މައުލޫމާތުދެއްވައެވެ.

img:http://s3.psmnews.mv/images/660x400/14881216568753.jpg|ހީވާގި ކަނބަލުންގެ މަޢުރަޒުގެ ތެރެއިން

ޕީއެސްއެމްއާ ވާހަކަދައްކަވަމުން ހީވާގި ކަނބަލުންގެ މައުރަޒުގެ އިންތިޒާމް ކޮމިޓީގެ މެމްބަރު ޒީނާޒް އަދުނާން ވިދާޅުވީ މައުރަޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ބައެއް ތަކެއްޗަށް އިތުރު އޯޑަރުތައް އަންނަމުންދާކަމަށެވެ.

ސަރުކާރުގެ އިސްމަޤާމްތަކުގައި ހިމެނިވަޑައިގަންނަވާ ގިނަ އަންހެން ކަނބަލުންވެސް ވަނީ ހީވާގި ކަނބަލުންގެ މައުރަޒަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ހުރި ދިވެހި އަންހެނުންގެ ބައެއް އުފެއްދުންތައް އެބޭފުޅުން ބައްލަވައިގަންނަވަމުން ދާކަން ފާހަގަކޮށްލެވެއެވެ. ހީވާގި ކަނބަލުންގެ މައުރަޒަށް ވަޑައިގެންނެވުމަށްފަހު ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ އަންހެން ކަނބަލުންނަށް އަމާޒުކުރައްވައިގެން ސަރުކާރުން މިފަދަ މައުރަޒުތައް ބޭއްވުމަކީ، އަންހެނުން ބާރުވެރުކުރުވުމަށް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތަކެއްކަމަށެވެ.

ކަނބަލުންގެ މައުރަޒުގައި ނަން ހުސްކޮށް ހުރިހާ ބާވަތެއްގެ ދިވެހި އުފެއްދުންތައް ހުރި އިރު، މި ތަކެއްޗަކީ ދިވެހި އަންހެން ކަނބަލުންގެ އަމިއްލަ އުފެއްދުންތަކެވެ. ކަނބަލުންގެ މައުރަޒުގައި ތަފާތު އިތުރު ހަރަކާތްތައް ވެސް ކުރިޔަށްގެންދަވައެވެ. އެގޮތުން ވަގުތުން ކެއްކުމުގެ ހަރަކާތްތަކާއި، ދިވެހި ކަނބަލުންގެ ހުނަރުވެރި މަސައްކަތްތައް ދައްކާލުން ވެސް ކުރިޔަށްދެއެވެ. މިމައުރަޒު ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.