ސިއްހަތު

"ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގައި އެންމެން ބައިވެރިވާންޖެހޭ"


މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން، ވެކްސިން ޖެހުމުގެ އިންތިޒާމު މާލޭގެ 11 ސަރަޙައްދެއްގައި އެޗްޕީއޭއިން ވަނީ ޤާއިމްކުރައްވާފައެވެ. އޭގެ ތެރޭގައި، އައިޖީއެމްއެޗާއި، ސެނެހިޔާ، ވެލާނާގޭ، އެމްއެންޔޫ ބިޒްނަސް ސްކޫލް، ނޯތު ހާބަރ، ރޯޝަނީ ބިލްޑިންގ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރ، އޮލިމްޕަސް، ޔޫތް ސެންޓަރ، އާރޓިފިޝަލް ބީޗް އަދި ރަސްފަންނު ހިމެނެއެވެ. 

މި ކެމްޕެއިންގެ ދަށުން ވެކްސިން ޖަހާނީ އުމުރުން 8 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނާއި، 15 އަހަރާ 25 އަހަރާ ދެމެދުގެ ކުދިންނާ ޒުވާނުންނަށެވެ. އަދި މިސަލްސްގެ އެއްޑޯޒު ޖަހާފައިވާ ކުދިންނަށްވެސް މިކެމްޕެއިންގެ ދަށުން ވެކްސިން ދެވޭނެއެވެ.

މީސަލްސް ނައްތާލުމުގެ ޤައުމީ ކެމްޕެއިން ރަސްމީކޮށް ފެށްޓެވުމުގެ ގޮތުން ވަނީ ދަރުމަވަންތަ ސްކޫލާއި ސްޓެލްކޯގައި ވެކްސިނޭޝަން ޕޯސްޓު އިފްތާޙުކުރައްވާފައެވެ. ދަރުމަވަންތަ ސްކޫލްގައި މި ޕްރޮގްރާމްގައި ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްއެވެ. އަދި ސްޓެލްކޯގައި މި ކެމްޕެއިން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ދުންޔާ މައުމޫންއެވެ..

މިކެމްޕޭންގެ ދަށުން އައިޖީއެމްއެޗްގެ ވެކްސިނޭޝަން ޕޯސްޓު އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކެމްޕޭންގައި ފަރުދީ ގޮތުން ކޮންމެ މީހަކުވެސް ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ސިއްޙަތު ކެމްޕޭނެއްގައި އެންމެ ފުރަތަމަ އިސްވާންޖެހޭނެ ފަރާތަކީ ހެލްތް ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން. ހެލްތް ޕްރޮފެޝަނުލުން މިކަމުގައި ނަމޫނާ ދެއްކެވީމަ އަޅުގަނޑުމެންގެ މުޖުތަމައުގައި ދެންތިއްބެވި އެހެން ޒުވާނުން މިކަމުގައި ފޯރިއާއެކު އުޅޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑު އުއްމީދުކުރަނީ އައިޖީއެމްއެޗް އަދި ރާއްޖޭގެ ހެލްތް ދާއިރާގައި މަސައްކަތްކުރައްވާ ވެކްސިންދޭން ކަނޑައަޅާފައިވާ އޭޖް ކެޓަގަރީގައި ހިމެނޭ ބޭފުޅުން އެންމެ ފުރަތަމަ އަމިއްލައަށް އިސްނަންގަވައިގެން މިކަންތައް ކުރައްވާނެ ކަމަށް އަދި އެހެން ބޭފުޅުންނަށް ނަމޫނާ ދައްކާވާނެ ކަމަށް" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14881165933183.jpg|އައިޖީއެމްއެޗްގައި އެމްއާރު ވެކްސިނޭޝަން ކްލިނިކް ހެލްތް މިނިސްޓަރ ހުޅުއްވައިދެއްްވަނީ

އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރ ޑރ. އަލީ ނަޒީމް ވިދާޅުވީ، އެހޮސްޕިޓަލްގައި ހަވީރު ތިނަކުން ރޭގަނޑު ދިހަޔަކަށް ވެކްސިން ޖެހުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

''އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާޒެއް މުވައްޒަފުންވެސް މީގައި ބައިވެރިވުން އަދި މިއަދު ވެކްސިން ފުރަތަމަ ޖަހާ ޖެހުމުގައި އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނާއި ރިސެޕްޝަނިސްޓުންނާއި ސުޕަވައިޒަރުންނާއި އެޑްމިން އޮފިސަރުން މީގެ ފުރަތަމަ ބުރުގައި މީގައި ބައިވެރިވާނެ ކަމަށް. '' ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.

ސްޓެލްކޯ ވެކްސިނޭޝަން ޕޯސްޓު އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ދުންޔާ މައުމޫން ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. ޚާއްޞަކޮށް އެކިއެކި ބަލިތައް ނައްތާލުމުގައި ރާއްޖޭއިން ހޯދަމުން އަންނަ ކުރިއެރުން ސްޓޭޓް މިނިސްޓަރ ދުންޔާ ފާހަގަކުރެއްވިއެވެ.

''ޒުވާން އުމުރުފުރާތަކާއި، މިކަމުގައި ބައިވެރިވެ އެއްބާރުލުން ދެއްވާ، ރާއްޖެއިން މީސްލްސް ނައްތާލުމަށް އެކީ މަސައްކަތްކުރުމަށް. ސްރީލަންކާ، ބޫޓާން،އާ އަޅާބަލާއިރު، އެކިއެކި ނައްތާލުމުގައި ވަރަށް ކުރީގައި މިއުޅެނީ، ރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއް މިހާރު. އެހެންކަމުން ހުރިހާ ޒުވާނުން މިކަމުގައި ބައިވެރިވުމަށް އަޅުގަނޑު ގޮވާލަން '' ދުންޔާ ވިދާޅުވިއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝުކުރޫ ޞާލިޙް ވިދާޅުވީ، މިކެމްޕެއިންގެ ދަށުން ސްޓެލްކޯގެ 150 އަށްވުރެ ގިނަ މުވައްޒަފުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެކްސިން ޖެހި ބައެއް މީހުން ބުނީ، މިފަދަ ޤައުމީ ކަމެއްގައި އެމީހުންނަށް ބައިވެރިވެވުން އެއީ ލިބުނު އުފަލެއެ ކަމަށެވެ. މީސްލްސް ނައްތާލުމުގެ ޤައުމީ ކެމްޕޭން މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.