ކުޅިވަރު

ކްލަބްތަކަށް ފައިސާދޭނެ ކުންފުނިތައް ކަނޑައެޅުން ބުރާސްފަތީގަ


ކްލަބްތަކަށް ފައިސާދޭނެ ކުންފުނިތައް ކަނޑައެޅުމަށް އަންނަ ބުރާސްފަތި ދުވަހު ގުރުއަތުލާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށާއި، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް މިއަހަރު ފައިސާދޭނީ ސަރުކާ ހިއްޞާވާ ކުންފުނިތަކުންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހު އޮންނާނީ ކްލަބްތަކަށް ފައިސާދޭނެ ކުންފުނިތައް ގުރުއަތުން ކަނޑައެޅުމެވެ. އެއަށްފަހު ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި ގުރުއަތުން ޖެހޭ ކުންފުންޏާއި ކްލަބާއި ދެމެދު ސޮއިކުރާނެކަމަށް ބައްސާމް ވިދާޅުވިއެވެ. 

މާލޭލީގުގައި ވާދަކުރާ ފުރަތަމަ ޑިވިޝަންގެ 8 ޓީމްގެ ތެރެއިން ކޮންމެ ޓީމަކަށް 2 މިލިއަން ރުފިޔާ، މާލޭލީގުން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ކޮންމެ ޓީމަކަށް އިތުރު 1 މިލިއަން ރުފިޔާ އަދި މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ހަތަރު ޓީމްގެ ތެރެއިން ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދެއްވުމަށް ބައްސާމް ވަނީ ވައުދުވެވަޑައިގެންފައެވެ. މި ކްލަބްތަކަށް ކުންފުނިތައް މެދުވެރިކޮށް ފައިސާ ދެއްވާނީ ގިނަ ޝަރުތުތަކަކާއެކު ކަމަށް ބައްސާމް ވިދާޅުވިއެވެ. މީގެއިތުރުން ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް ފައިސާ ދެއްވާނެކަންވެސް އެފްއޭއެމްއިން ވަނީ އިއުލާންކުރައްވާފައެވެ.

ޝަރުތުތަކުގެ ތެރޭގައި ފުލް ޓައިމް ޖެނެރަލް ސެކެޓްރީއެއް ހަމަޖެއްސުމާއި، އަންހެން ޓީމެއް އޮތުމާއި، ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި، ޤަވާއިދުން މާލީ ރިޕޯރޓް ހުށައެޅުން ހިމެނެއެވެ.