ކުޅިވަރު

ފިރިހެން ވޮލީ ޓީމަށް ބަހަނާއެއް ނެތް! ނަތީޖާ ނެރެން ޖެހޭ!


" އަހުމަދު އަބުދުލްކަރީމް ނެތިގެން، ޝާއިން ނެތިގެން، އަޝްފާޤް ނެތިގެންނޭ ބުނެވޭކަށް ނެތް. ޤައުމީ ފިރިހެން ވޮލީ ޓީމަށް މިހާރަކު ނެތް ބަހަނާއެއް ދެއްކޭކަށް " މިއީ ކުރިއަށް އޮތް މާރޗް މަހު ރާއްޖޭގައި އޮންނަ ސެންޓްރަލް ޒޯން ކޮލިފިކޭޝަނަށް ތައްޔާރުވާ ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗު މުޙައްމަދު ޝަރަފް ބުނާ ވާހަކައެވެ.

ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ދުވާލަކު ފަސް ގަޑިއެއްހާއިރު ޕްރެކްޓިސްއާއި، ތަމްރީންތަކުގައި ހޭދަކުރަމުން އަންނަ ޓީމްގެ ކޯޗު ބުނީ އަންހެން ވޮލީ ޓީމް މިހާރު ހޭދަކުރަމުންދާ ދުވަސްތައް ފިރިހެން ޓީމްވެސް ހޭދަކޮށް، އެ ހާލަތުން އަރައިގަނެވިއްޖެ ކަމަށާއި، މިހާރު ނަތީޖާ ނެރެން ޖެހޭކަމަށެވެ. މާހައުލާއި، ކޯޓްގެ ފިނިހޫނުމިނާއި، ކުޅުންތެރިންގެ އަނިޔާގެ ވާހަކައާއި ކާއެއްޗިހީގެ ވާހަކައިން ފަރުޖައްސައިގެން ބަހަނާ ދެއްކެން މިހާރު ނެތްކަމަށް ޝަރަފް ޤަބޫލުކުރެއެވެ.

img:http://s3.psmnews.mv/images/660x400/14880829316420.jpg|ކުރިއަށް އޮތް މުބާރާތަށް ޓީމް ތައްޔާރުވަނީ

މިދިޔަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތަށްފަހު ސްރީލަންކާ ކޯޗު މަޤާމުން ވަކިކޮށް، މިހާރު ޓީމް ތައްޔާރުވަމުން އަންނަނީ ޓީމަށް ކުރިއެރުމާއި، ކާމިޔާބީ ހޯދައިދީފައިވާ ކޯޗު މުޙައްމަދު ޝަރަފާއެކުގައެވެ. ޝަރަފަކީ ޤައުމީ ވޮލީ ޓީމާއެކު އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވާ ދިވެހި ކޯޗެވެ. މާރޗް މަހު ރާއްޖޭގައި އޮންނަ މުބާރާތަށް ޤައުމީ ޓީމް ޕްރެކްޓިސް ކުރާތާ ދިހަވަރަކަށް ދުވަސްވެއްޖެއެވެ. ކޯޗު ޝަރަފް ޤަބޫލުކުރާގޮތުގައި މުބާރާތަށް ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ޤައުމީ ޓީމަށް ލިބެއެވެ.

" މި ޓީމަށް މިއީ އެކަށީގެންވާ ވަގުތު. މިޓީމަށޭ މި ދެންނެވީ މިއީ އެކުގައި ޕްރެކްޓިސްކުރާތާ ވަރަށް ގިނަ ދުވަސްވީ ޓީމެއް. މިއީ ވަރަށް ގިނަ ދުވަހުން ތައްޔާރުކޮށްފަ އޮތް ޓީމެއް " ޝަރަފް ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14880830330040.jpg|އެންމެފަހުން ވޮލީ ޓީމް ހޯދި ކާމިޔާބީއާއެކު

މުބާރާތުގެ ކުރިން ޓީމް ރާއްޖެއިން ބޭރުގައި ކޭމްޕް ކުރުމުގެ މަސައްކަތް ކުރައްވާކަން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވަނީ ކުރިން އިއުލާންކުރައްވާފައެވެ. އެސޯސިއޭޝަންގެ ޓެކްނިކަލް ޑިޕާރޓްމަންޓްގެވެސް ހެޑް ޝަރަފް ބުނީ ކުރިއަށް އޮތް މާރޗްމަހު މުބާރާތުގެ ކުރިން ލަންކާ ނުވަތަ ތައިލެންޑްގައި ކޭމްޕް ކުރަން މަސައްކަތްކުރަމުންދާކަމަށެވެ. މި ޓީމް މިދިޔަ އަހަރު ވަނީ 20 ދުވަހުގެ ކޭމްޕެއް ސްރީލަންކާގައި ފުރިހަމަކޮށްފައެވެ.

ޓީމް މުބާރާތަށް ތައްޔާރުވަމުން އަންނައިރު މުޙިންމު ކުޅުންތެރިޔާ ޝާއިން ހުރީ އަނިޔާގައެވެ. ޝަރަފް ބުނީ ޝާއިން އަކީ މުޙިންމް ކުޅުންތެރިއަކަށް ވިޔަސް އެވާހަކަ ދެއްކެން ނެތްކަމަށެވެ. އަހުމަދު އަބުދުލްކަރީމް ނުލައިވެސް ކުޅެން ޖެހުނު ކަމަށާއި، މަސައްކަތްކޮށްގެން ނަތީޖާ ނެރެވުނު ކަމަށެވެ. މިފަހަރު ޓީމް ތައްޔާރުވަމުން ދަނީ އެންމެ ފަހުން މުބާރާތުން ފުރުޞަތު ގެއްލުނު އަޝްފާޤް އާދަމް (އައްކަޅޭ) އާވެސް އެކުގައެވެ. ޝަރަފް ބުނީ އަޝްފާޤަކީ އޭނާގެ ޓީމްގެ މުޙިއްމު ކުޅުންތެރިއެއްކަމަށާއި، އެކަން އަޝްފާޤަށާއި، ޓީމްގެ އެހެން ކުޅުންތެރިންނަށްވެސް އިނގޭނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14880829967906.jpg|މިހާރުގެ ކޯޗު ޝަރަފާއި، އައްކަޅޭ. އައްކަޅޭ އަކީ މުޙިއްމު ކުޅުންތެރިއެއް

ސެންޓްރަލް ޒޯން ކޮލިފައިންގައި ބައިވެރިވުމުގެ ފުރުޞަތު ޒޯންގެ 9 ޤައުމަކަށް ދޭނެއެވެ. އޭގެތެރޭގައި ނޭޕާލް، ކިރްގިސްތާން، އަފްޣާނިސްތާން، ބަނގްލަދޭޝް ހިމެނެއެވެ.