ޚަބަރު

ކުއްލިހާލަތާއި، ކާރިސާތަކާބެހޭ ތަމްރީނު ޕްރޮގްރާމެއް ލ. ގަމުގައި


ކުއްލިހާލަތާއި، ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހައްދުންމަތީ ގަމުގައި ހިންގަވައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހަންދުންމަތީ ގަމު ކައުންސިލްގެ އިދާރާއާއި ގުޅިގެން ރަށު ފެންވަރުގައި ކުއްލިހާލަތާއި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ފަރިތަކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންދެވީ، ގަމުގެ ތިން އަވަށް ކަމަށްވާ، މަތިމަރަދޫއާ، ތުނޑި، އަދި މުކުރިމަގު އަވަށުގައެވެ. މި ތަމްރީނު ކުރިއަށް ގެންދެވީ، ސުނާމީއެއްގެ އިންޒާރު ރަށު ކައުންސިލްގެ އިދާރާއަށް ލިބުމާއެކު، ރަށު ފެންވަރުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭނާއި އެއްގޮތަށް ރަށު ކައުންސިލްގައި އުފައްދާފައިވާ ކޮމެޓީ އާއި ރަށުގައި އެކުލަވާލާފައިވާ ޓާސްކްފޯހުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި ހަރަކާތްތެރިކުރުވާނެ ގޮތުގެ މައްޗަށެވެ. އެގޮތުން، ކަނޑައަޅާފައިވާ ޕްލޭނާއި އެއްގޮތަށް ރައްޔިތުން އިވޭކުއޭޝަން ސެންޓަރުތަކަށް ބަދަލުކޮށް، އެއަށްފަހު ރަށުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ޓާސްކްފޯސްތައް ހަރަކާތްތެރިވާގޮތަށް ފަރިތަކުރުން ކުރިއަށްގެންދެވިއެވެ. އަދި ސުނާމީގެ އިންޒާރާއެކު، ސްކޫލު ކުދިންގެ ބަހެއް ފުރޮޅާލައި އޭގެން ދަތުރުކުރި 10 ކުދިންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދިނުމުގައި އަމަލު ކުރާނެ ގޮތްވެސް ވަނީ ތަމްރީނުކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14880845969089.jpg|އެމަޖެންސީގައި ކަންކުރާނެ ގޮތުގެ ތަމްރީނުގެ ތެރެއިން - ފޮޓޯ: އެންޑީއެމްސީ

މި ފަރިތަކުރުމުގައި ޓެސްޓްކުރެވުނު 3 ސިނާރިއޯ އެއް ޓެސްޓްކުރައްވައި، ތިން އިވެކުއޭޝަން ސެންޓަރަށް ޖުމްލަ 265 މީހަކު އިވެކްއޭޓް ކުރެވުނެވެ. މިފަރިތަކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ގަމު ކައުންސިލްގެ އިދާރާގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ، ގަމު ރީޖަނަލް ހޮސްޕިޓަލް، ފެނަކަ ކޯރޕަރޭޝަނާއި، ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލް އަދި އިހައްދޫ ސްކޫލުންވެސް ބައިވެރިވިއެވެ.

މި ފަރިތަކުރުން ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަލަން ސެކިޔުރިޓީ އާދަމް ޝަރީފާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަލަން ސެކިޔުރިޓީގެ ޑެޕިޔުޓީ މިނިސްޓަރ ފާތިމަތު ތަސްނީމްގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިފަރިތަކުރުން ނިންމާލުމަށްފަހު، ފަރިތަކުރުމުގައި ރަނގަޅަށް ހިނގާދިޔަ ކަންތައްތަކާއި މިފަދަ ހާދިސާއެއްގެ ވަގުތުގައި ރަނގަޅު ކުރަން ޖެހޭ ކަމަށް ފާހަގަ ކުރެވުނު ކަންކަމާބެހޭ ގޮތުން، މިފަރިތަކުރުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހިމެނޭ ގޮތަށް ޑީބްރީފިންގ ސެޝަނެއްވެސް ވަނީ ބައްވަވާފައެވެ.