ޚަބަރު

ހީވާގި ކަނބަލުން މަޢުރަޒަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން


ހީވާގި ކަނބަލުންގެ މަޢުރަޒުގައި ފަތުރުވެރިންނަށް ހުޅުއްވާލެއްވި ފުރުޞަތުގައި މިއަދު ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިންނަށް ހުޅުއްވާލައްވާފައިވަނީ މިއަދާއި މާދަމާ މެދުރު ދޭކުން ފެށިގެން ހަވީރު ހައެއް ޖެހުމާ ހަމައަށެވެ. ދިވެހި ކަނބަލުން އުފައްދާ އުފެއްދުންތަކާއި، ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް "ހީވާގި ކަނބަލުން" ގެ ނަމުގައި ބާއްވަވާ މަޢުރަޒުގައި ފަތުރުވެރިންނަށް ޚާއްޞަކުރި ގަޑިތަކުގައި، ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް މަޢުރަޒު އިންތިޒާމްކުރެއްވި ފަރާތުން ވިދާޅުވެއެވެ. ހީވާގި ކަނބަލުންގެ މަޢުރަޒު ބައްލަވާލުމަށްޓަކައި ވަޑައިގެން ޕީއެސްއެމް ނިއުސްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ކަނބަލުންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މިފަދަ މައުރަޒަކަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ޒިޔާރަތްކުރުމަކީ ދިވެހި ކަނބަލުންގެ އުފެއްދުންތެރިކަން ފުޅާވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެން ކަނބަލުންނަށް ފަހު ފުރުޞަތުތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ހީވާގި ކަނބަލުންގެ މަޢުރަޒު ފަތުރުވެރިންނަށް ހުޅުއްވާލެއްވުމުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށް، މައުރަޒުން ތަކެތި ގަނެފައިވާކަމަށް ހިވާގި ކަނބަލުންގެ މަޒުރަޒުގެ ހިންގާ ކޮމެޓީގެ މެމްބަރ ޒީނާ ޢަދުނާން ވިދާޅުވިއެވެ. އަދި ފަތުރުވެރިންގެ މެދުގައި ބޮޑަށް ޝައުޤުވެރިކަން ހުރި ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސްވެނިއަރ ބާވަތްތައް ކަމަށް ޒިނާ ވިދާޅުވިއެވެ.

"ފަތުރުވެރިންނަށް ހަމަބޮޑަށް ޙާއްސަކޮށް ދިވެހި ލިބާސް ލިބާސް ސެޓް ދެން ސްވެނިއަރގެ ގޮތުގައި ހަދާފައި ހުރި އެކިކަހަލަ ރާއްޖެ ރަމްޒުކޮށްދޭ ތަކެތި ޝައުޤްވެރިކަމާއެކު ބައްލަވައިގެންކަންވެސް ފާހަގަކޮށްލެވޭ" ޒީނާ ވިދާޅުވިއެވެ.

މަޢުރަޒަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ވާހަކަދައްކާލުމުން އެމީހުން ބުނީ މިއީ ރާއްޖޭގެ އަންހެނުންގެ ހުނަރު ބަލާލުމަށްޓަކައި ލިބުނު ފުރުޞަތެއް ކަމަށެވެ. އަދި މި މަޢުރަޒުން ރާއްޖޭގެ ޘަޤާފަތުގެ ސިފަތައް ފެންނަކަމަށޭވެ.

ފަތުރުވެރިންގެ އިތުރުން އާންމުންގެ ބޮޑު ތަރުޙީބެއްވެސް މި މަޢުރަޒްށް ލިބެމުން އަންނަކަމަށް މަޢުރަޒު އިންތިޒާމް ކުރެއްވި ފަރާތުން ވިދާޅުވެއެވެ. ދަރުބާރުގޭގައި ކުރިޔަށްދާ މި މަޢުރަޒުގައި ދިވެހިންގެ ސަޤާފަތާއި އުފެއްދުންތެރިކަން ދައްކައިދޭ އެކި ބާވަތްތަކުގެ ތަކެތި ބަހައްޓާފައިވެއެވެ.