ޚަބަރު

"ނަލަ ފެހި ތެނަދޫ" ގަސްއިންދުމުގެ ޕްރޮގްރާމް ފަށްޓަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދުގެ ބެއްލެވުމުގެ ދަށުން "ނަލަ ފެހި ތެނަދޫ" ގެ ނަމުގައި، ގދ. ތިނަދޫގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރެއްވުމަށް ހިންގަވާ ޙަރަކާތްތަކާއި ގުޅުވައިގެން ހިންގެވި ގަސްއިންދުމުގެ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދުއެވެ. އިއްޔެ ތިނަދޫ ދެކުނުފަރާތު ހިއްކި ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި އެރަށުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޢާންމުން ބައިވެރިވި މި ޙަރަކާތުގައި، ތަފާތު ބާވަތްތަކުގެ 1،700ގަސް އިންދާފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން، ތިނަދޫގެ ދެކުނު ފަރާތާއި، އުތުރު ފަރާތުގައި ސަރުކާރުން ބިން ހިއްކެވި ސަރަޙައްދުގައި 2،000 ގަސް އިންދުމަށް ހަމަޖެހިފައިވެއެވެ.

ތިނަދޫގައި "އާބާދީ ފަންސާސް" ކުލަގަދަކޮށް ފާހަގަކުރެއްވުމަށްޓައި، އެރަށުގައި މިހާރު ކުރިއަށް ގެންދަވާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތައްވެސް އޭޕްރީލް މަހުގެ ނިޔަލަށް ނިންމެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށްޓަވާފައެވެ.

ތިނަދޫ އާބާދީ ފަންސާސް ފާހަގަކުރެއްވުމުގެ ތައްޔާރީތަކަށްޓަކައި ސަރުކާރުންވަނީ ޚާއްޞަ ކޮމެޓީއެއް އެކުލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ބެއްލެވުމުގެ ދަށުން ވަޒީރުން ހިމެނޭ މި ކޮމެޓީން މިހާރު މިވަނީ، އާބާދީ ފަންސާސް ފާހަގަކުރެއްވުމަށް އެރަށް ތައްޔާރުކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ފަށްޓަވާފައެވެ. ތިނަދޫގެ ރައްޔިތުންގެ އިސް ބައިވެރިވުމާއެކު މިޙަރަކާތް ހިންގެވުމަކީ ސަރުކާރުގެ އަމާޒެވެ. މިގޮތުން އިއްޔެ ފެށްޓެވި ގަސްއިންދުމުގެ ޙަރަކާތުގެ ދަށުން، ރަށުގެ އުތުރުފަރާތު ހިއްކި ސަރަޙައްދުގައި އަންނަ ހަފްތާ ބަންދުގައިވެސް ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.