ތަޢުލީމު

ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ފަށްޓަވައިފި


"ތަޙުޒީބީ އަޚުލާޤީ މުޖުތަމަޢެއް ބިނާކުރުން" މިނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކުރައްވައިގެން ބާއްވަވާ މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ސެޝަން މިއަދު އިސްލާމިކް މިނިސްޓްރީގައި ކުރިއަށްގެންދަވައިފިއެވެ.

މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދަވާ މިބައްދަލުވުމުގެ މަޤްޞަދަކީ ތަޙްޒީބީ، އަޙްލާޤް ރަނގަޅު ދަރިވަރުންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ބާރުއެޅުއްވުން ކަމަށާއި، މިބައްދަލުވުން އަހަރުގެ އެކި ދުވަސްތަކަށް ބައްސަވާލައްވައިގެން ކުރިއަށްގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިއަދު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ސަތޭކަ ފަންސާހަށްވުރެ ގިނަދަރިވަރުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ ދީނީ އިލްމުވެރިންނެވެ. ރިވެތި އަޚްލާޤާއި، އަޤީދާ ހަރުދާނާކުރުމާއި، ދިރިއުޅުމުގެ މަޤްޞަދާއި، ޙައްޤުތަކާއި ގުޅޭ ގޮތުން މިބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.