ކުޅިވަރު

ވިކްޓްރީ އަލުން ތަރުތީބުކޮށް، ގްރިން ސްޓްރީޓާ ދެކޮޅަށް


މެޗަށް ކެތްމަދުވެފައި ހުރިކަމަށް ވިކްޓްރީއާ ދާދި ފަހުން ހަވާލުވި ކޯޗު އަލީ ސުޒޭން ބުނެފިއެވެ. އެސްޓީއޯ މާލޭ ލީގުގައި އެޓީމް ކުޅޭ ފުރަތަމަ މެޗަށް އިޝާރާތްކޮށް ސުޒޭން ބުނީ ކޯޗެއްގެ އަމާޒަކަށްވާނީ އަވަހަށް ކާމިޔާބީ ހޯދުންކަމަށާއި، އެހެންކަމުން މެޗަށް ކެތްމަދުވެފައި ހުރިކަމަށެވެ. 

ވިކްޓްރީއާ ދެކޮޅަށް މިރޭ ނިކުންނަ ގްރީން ސްޓްރީޓަކީ ދެވަނަ ޑިވިޝަންގައި ރަނގަޅަށް ކުޅެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި، ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އަންނަ ޓީމެއްކަމަށް ސުޒޭން ބުންޏެވެ. ޚާއްޞަކޮށް ކޯޗު ޞަބާ އަކީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައިވެސް ފުޓްބޯޅައިގެ ތަޖުރިބާކާރެކަމަށާއި، މިހުރިހާ ކަމަކަށް ވިސްނާއިރު ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނަން ޖެހެނީ ވިސްނައިގެންކަމަށް ސުޒޭން ޤަބޫލުކުރެއެވެ.

" ވިކްޓްރީ ޓީމް މިހާބޮޑަށް ތަރުތީބުކޮށްގެން އިންތިޒާމްކުރުމަށްފަހު، އަހަރުތަކެއްފަހުން ނިކުންނައިރު ވިސްނަން ޖެހޭ. ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނަން ޖެހޭނީ ވަރަށް ވިސްނައިގެން " ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗު ޞާބާހު މުޙައްމަދު ބުނީ މާ ބޮޑު ޓާގެޓްތަކެއް ނެތްކަމަށާއި، މިވަގުތު އެންމެ ބޮޑު ޓާގެޓަކީ ރަނގަޅަށް މަސައްކަތްކޮށް ވިކްޓްރީ އަތުން ޕޮއިންޓެއް ހޯދުންކަމަށެވެ. އަދި ބޮޑު ސީޒަނެއްގެ ވާހަކަ ދެއްކެންވެސް ނެތްކަމަށް އޭނާ ބުންޏެވެ. ފުރަތަމަ މެޗުގައި ސުޒޭނާ ދެކޮޅަށް، ވިކްޓްރީއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފަލެއްކަމަށްވެސް ޞަބާ ބުންޏެވެ. އިދިކޮޅުން ނިކުންނަ ޓީމް ކިތަންމެ ވަރުގަދަޔަސް ރަނގަޅަށް މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނެކަން އަބަދުވެސް ޤަބޫލުކުރާކަމަށް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޑިފެންޑަރު ބުންޏެވެ.

" މާ ބޮޑު ޓާގެޓްތަކެއް ނެތް. ފުރަތަމަ ޓާގެޓަކީ ރަނގަޅަށް މަސައްކަތްކޮށް ވިކްޓްރީ އަތުން މަދުވެގެން ޕޮއިންޓެއް ހޯދުން " ޞަބާ ބުންޏެވެ.

ވިކްޓްރީއާއި ގްރީން ސްޓްރީޓް ވާދަކުރާ އެސްޓީއޯ މާލޭ ލީގު ދެވަނަ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ.