ތަޢުލީމު

ޣާޒީ ބަންޑާރައިން ސްކޫލުގެ އައު ކްލާސްރޫމްތައް ނިމެނީ


ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ޢިމާރާތްކުރައްވަމުން ގެންދަވާ 4 ކްލާސް ރޫމްގެ މަސައްކަތް ނިންމަވައި، މިއަހަރުގެ އޭޕްރީލް މަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޣާޒީ ބަންޑާރައިން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި ސަރުކާރުން ޢިމާރާތްކުރައްވަމުން ގެންދަވާ 2 ބުރީގެ 4 ކުލާސް ރޫމްގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އެސްކޫލްގައި މިހާރު ކުރައްވަމުން ގެންދަވަނީ ފިނިޝިންގެ މަސައްކަތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެސްކޫލްގެ މަސައްކަތް ނިމުމުން ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14880142108529.jpg|ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ޢިމާރާތްކުރައްވަމުން ގެންދަވާ 4 ކްލާސް ރޫމް- ފޮޓޯ: އުތީމް ކައުންސިލް

ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ސަރުކާރުން އިމާރާތް ކުރައްވަމުންގެންދަވާ 4 ކުލާސް ރޫމްގެ މަސައްކަތަކީ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދަވާ ޕްރޮޖެކްޓެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތަށް 2.5 މިލިޔަން ރުފިޔާ ޙަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެޑިޔުކޭޝަން މިނިސްޓްރިން ޢާޒީ ބަންޑާރައިން ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ 2015 ވަނައަހަރުއެވެ.