ކުޅިވަރު

އެމްބީއޭކަޕް ފައިނަލުގައި ޓީރެކްސްއާއި ކިންގްސް


އެމްބީއޭކަޕް ފިރިހެން ޑިވިޝަންގެ ފައިނަލުން ޓީރެކްސްއާއި ކިންގްސް ބާސްކެޓް ކްލަބް ޖާގަ ހޯދައިފިއެވެ. 

މިއަހަރު އަލަށް ބާސްކެޓްގައި ވާދަކުރާ ކިންގްސް ބީސީ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ދަ ބައުސްއާއި ވާދަކޮށް 87 ޕޮއިންޓް 74 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކިންގްސްއަށް 26 ޕޮއިންޓް ހޯދައިދިން މުޙައްމަދު ޒިލާލެވެ.

ކިންގްސް ބީސީއަކީ ލީގު ބުރުގެ ދެވަނަ ޓީމެވެ. ދަ ބައުސްއަކީ ތިންވަނަ ޓީމެވެ.

ފައިނަލްގައި ކިންގްސް ބީސީ ވާދަކުރަންޖެހޭ ޓީރެކްސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޑަހެންވެއިރު ޔުނައިޓެޑާ ވާދަކޮށް 94 ޕޮއިންޓް 57 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްއަށް 11 ޕޮއިންޓް ހޯދައިދިން އަލީ ފަޒްލީއެވެ. ޓީރެކްސްއަކީ ލީގު ބުރުގެ އެއްވަނަ ޓީމެވެ. އެޓީމް މުބާރާތުގައި އަދި ބައްޔެއް ނުވެއެވެ. ކުޑަހެންވެއިރު ޔުނައިޓެޑަކީ ލީގު ބުރުގެ ހަތަރުވަނަ ޓީމެވެ.

ޓީރެކްސްއާއި ކިންގްސް ފައިނަލްގައި ވާދަކުރާނީ އަންނަ ހޯމަދުވަހުގެ ރެއެވެ. މިދެޓީމް މުބާރާތުގެ ދެބުރުގައި ވާދަކުރި މެޗުވެސް ކާމިޔާބުކުރީ ޓީރެކްސްއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސައިކްލޯންއާއި ޒިގް ޒެގް މިއަދު ހަވީރު ވާދަކުރާނެއެވެ. ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ އެލްޓީއާއި، ސްޓިންގަރސްއެވެ. އެމެޗު ކުޅޭނީ މާދަމާރެއެވެ.