ކުޅިވަރު

ޝަކީބަށް ރުހުން ދެއްވައި، 3 ކްލަބަކަށް ފުލް މެމްބަރޝިޕް ދީފި


އެފްއޭއެމްގެ ހުސްވެފައިވާ ސީނިއަރ ވައިސް ޕްރެޒިޑެންޓްކަމަށް އައްޔަންކުރެއްވި އަހުމަދު ޝަކީބަށް ކޮންގްރެސްއިން ރުހުން ދެއްވައި، އިތުރު ތިން ކްލަބަކަށް އެފްއޭއެމްގެ ފުލް މެމްބަރޝިޕް މިއަދު ދެއްވައިފިއެވެ.

މިއަދު ސެޓްލެކޯ ސެމިނަރ ރޫމްގައި ބޭއްވެވި އެއިދާރާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުގެ އިއްތިފާޤުން ރުހުން ދެއްވި އަހުމަދު ޝަކީބަކީ ކުރިންވެސް އެފްއޭއެމްގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމް ފުރުއްވި ބޭފުޅެކެވެ. އަލުން މަޤާމަށް އައްޔަންކުރެއްވީ އިންތިޚާބު ކާމިޔާބުކުރެއްވި ޓީމްގައި ހިމެނިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު އެފްއޭއެމްގެ ފުލް މެމްބަރުޝިޕް ދެއްވި ކްލަބްތަކަކަކީ ދެވަނަ ޑިވިޝަންގެ ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރޭޝަންއާއި، ތިންވަނަ ޑިވިޝަންގެ އެލް.ކިޔު ސްޕޯރޓްސް ކްލަބާއި، ލެގޫންސް ސްޕޯރޓްސް ކްލަބެވެ.

މިއަދު ކޮންގްރެސްއަށް ހާޞިރުވި ކްލަބްތައް މަދުވެ، ކޯރަމް ހަމަނުވާތީ ފެށުނީވެސް 45 މިނިޓް ފަހުންނެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮންގްރެސްތަކަށް ކްލަބްތަކުން ދޭ ސަޕޯރޓް ބޮޑުކޮށް މިއީ ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަ ދައްކަން އޮތް ބައްދަލުވުންތަކަށް ހައްދަވަން ޖެހޭކަމަށެވެ. މީޑިއާގައި އެފަދަ ވާހަކަތައް ދެއްކުމަށްވުރެ މިފަދަ ބައްދަލުވުންތަކުގައި ވާހަކަދެއްކެވުން އެދޭ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ދެކިލައްވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މިއަދު ކޮންގްރެސްއަށް ހާޞިރުވީ 11 ކްލަބުންނެވެ. އެއީ ވިކްޓްރީ، ނިއުރޭޑިއަންޓް، ވެލެންސިޔާ، ޕީކޭ، ރެޑްލައިން، މާޒިޔާ، ޔުނައިޓެޑް ވިކްޓްރީ، ޓީސީ، މަހިބަދޫ، ކުޑަހެންވެއިރު އަދި ބީޖީއެވެ.