ޚަބަރު

އައު ޓާމިނަލްއާއެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ- އާދިލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގެ މަސައްކަތް ނިމުމުން، އެތަނުގެ ޑިއުޓީ ފްރީ ފިހާރަތަކުން އެކަނިވެސް ހާހަކަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީގެ ބިޔަ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަޝްރޫއާއި އެކު ގިނަ އަދަދަކަށް ވަޒީފާގެ ފުރުޞަތުތައް ދިވެހިންނަށް ފަހިވަމުންދާކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު އެއްކޮށް ނިމުމުން އެތަކެއް އައު ވަޒީފާއެއް އުފެދޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެއަރޕޯޓުގައި އެންމެ ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާ އަދާކުރަމުންދާ އެއް ތަނަކީ އެއަރޕޯޓު ޑިއުޓީ ފްރީ ފިހާރަތަކެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ފަށްޓަވާފައިވާ މަޝްރޫއު ނިމޭއިރު އެއަރޕޯޓްގައި މިހާރު ހުރި ޑިއުޓީ ފްރީއަށް ވުރެ ހަތަރުގުނަ ބޮޑު ޑިއުޓީ ފްރީއެއް ހިންގުމަށް ނިންމަވާފައިވާކަމަށެވެ. އަދި އައު ޑިއުޓީ ފްރީއާއި އެކު ޒުވާނުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެކަންވެސް އާދިލް މުސާ ފާހަގަކުރެއްވިއެވެ.

"އެއަރޕޯޓުގެ ޑިއުޓީ ފްރީއަކީ އެންމެ ގިނަ އަދަދަކަށް ޒުވާނުން ވަޒީފާއަދާކުރާ އެއް ތަން، މިހާރު ހުރި ސައިޒަށް ވުރެއް ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑު ސައިޒެއްގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ހިންގަމުންދާނެ، މިހާރު އެތަނުގައި ތިންސަތޭކަ މުވައްޒަފުން ތިބިއްޔާ، ޑިއުޓީ ފްރީ އެކަންޔަށްވެސް ހާހެއްހާ މުވައްޒަފުން އިތުރަށް ބޭނުންވާނެ" އާދިލް މޫސާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14816923427669.jpg| އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ / ފައިލް ފޮޓޯ: ޕީއެސްއެމް

އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ނިމުމުން ގިނަ ވަޒީފާ ޒުވާނުންނަށް ހާއްސަވެގެންދާއިރު އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫއުގައިވެސް ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ބައިވެރިވަމުންދާކަމަށް އާދިލް މޫސާ ވިދާޅުވިއެވެ. އެގޮތުން އިންޖިނިއަރިންގެ ދާއިރާއިން ކިޔަވައިގެން ތިބި ދިވެހި ޒުވާނުން މި މަޝްރޫއުގައި ހަރަކާތްތެރިވަމުންދާކަން އާދިލް މޫސާ ފާހަގަކުރެއްވިއެވެ.

"އެއަރޕޯޓު ޑިވެލޮޕްމަންޓު ކަންތައްތަކުގައިވެސް ވަރަށް ގިނަ ދިވެހި ކުދިން މަސައްކަތްކުރަމުން އެދަނީ، ފްރެޝް ގުރެޖުއޭޓު ކުދިން، އިންޖީނިއަރިން ނިންމާފަ ތިބި ކުދިންތައް މި ޕްރޮޖެކްޓާއި އެކު މަސައްކަތްކުރަމުން އެބަދޭ. އަޅުގަނޑުމެންގެ އުއްމީދަކީވެސް އަމާޒަކީވެސް މިވަރު ބޮޑު ޕްރޮޖެކްޓެއް ނިމިގެންދާ އިރު، ދިވެހި ކުދިންތަކަކަށް މީގެ ސަބަބުން ތަޖުރިބާތަކެއް ލިބި، އަމިއްލަޔަށް މަސައްކަތްކޮށް، އެއަރޕޯޓުގެ ރަގަޅު އެކްސްޕީރިއެންސެން ލިބި، ދިވެހި ޒުވާނުންތަކެއް އިންޖީނިއަރިންގެ ދާއިރާއިން ރަގަޅު ފެންވަރަކަށް ޑިވެލޮޕްވެގެންދާނެ ކަމަށް އުއްމީދުކުރަން" އާދިލް މޫސާ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކޮށް، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާނެއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓުގައި އައު ރަންވޭއެއް ހެދުމާއި، ފިޔުލް ފާރމެއް ތަރައްޤީކުރުމާ ކާގޯ ކޮމްޕްލެކްސްއެއް އެޅުން ހިމެނެއެވެ. އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް 2018 ގައި ނިންމުމަށް ވަނީ ކަނޑައަޅުއްވާފައެވެ.