ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ފަށްޓަވާ މީސަލްސް އަދި ރުބެއްލާއަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް އާދީއްތަދުވަހު ފަށްޓަވާނޭކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތުދެއްވާ ގޮތުގައި އަންނަ އާދިއްތަދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަވާ މި ކެމްޕޭން ރަސްމީކޮށް ފަށްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.
ހިމަބިހި ނުވަތަ މީސަލްސް އަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ، އަދި ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ކުރާ ބައްޔެކެވެ. މީސަލްސް އަދި ރުބެއްލާ ވެކްސިނޭޝަން ކެމްޕޭނަކީ، ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި މި އަހަރު ކަނޑައެޅުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ހިމަބިހިން ރައްކާތެރި މުޖުތަމައަކަށް ހައްދަވާ އެ ބައްޔަށް ޝައްކުކުރެވޭ ހާލަތުގައި ޓެސްޓުކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ހިންގަވާ ކެމްޕޭނެކެވެ.
އެޗްޕީއޭގެ ހެޑް އޮފް ސަރވައިލަންސް އިބްރާހީމް ނިޝާން އަޙުމަދު ވިދާޅުވީ، ވެކްސިނޭޝަން ކެމްޕޭންގައި، އަށް އަހަރާއި ސާދަ އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނާއި، ފަނަރަ އަހަރާ ފަންސަވީސް އަހަރާ ދެމެދުގެ ކުދިންނާ ޒުވާނުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
"8 އަހަރާ 14 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ކުދިންގެ ގަޔަށް މިޖަހަނީ. ސްކޫލްތަކާއި ގުޅިގެން އިންތިޒާމުތައް ހަމަޖައްސާފައިވަނީ. އަތޮޅުތަކުގެ ހެލްތް ސެންޓަރުންތަކުން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި'' އިބްރާހީމް ނިޝާން އަޙުމަދު ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިނޭޝަން ޕޮއިންޓުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެތަންތަނާ ގުޅޭ މަޢުލޫމާތު ފަހުން ޢާންމުކުރައްވާނެކަމަށެވެ. ހިމަބިއްސަށް ޙޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ގެންދަވަނީ މާލޭއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ޙޭލުންތެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ. ރާއްޖޭގައި މީސްލްސް ވެކްސިން ފުރަތަމަ ދެއްވަން ފެށްޓެވީ 1981 ވަނަ އަހަރުއެވެ.