ކުޅިވަރު

އީގަލްސްގެ އަމާޒަކީ ކިރިޔާ ގަދަ ހަތަރެއްގައި އޮތުން - ސާންތި


އީގަލްސްގެ މިއަހަރުގެ އަމާޒަކީ މާލެ ލީގުގެ ގަދަ ހަތަރެއްގައި ކިރިޔާ ހިފަހައްޓާލެވޭވަރު ކުރުންކަމަށް އެ ޓީމްގެ ކޯޗް އިޙުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

މާލޭ ލީގުގެ ފުރަތަމަ މެޗުގައި އީގަލްސްއާއި މާޒިޔާ ބައްދަލްކުރާއިރު ދެ ޓީމްވެސް ވަނީ މި މެޗަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ދެ ޓީމްގެ ކޯޗުންވެސް ބުނެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން އީގަލްސްގެ ކޯޗް ސާންތި ބުނީ މިފަހަރުގެ ފޯމެޓް އޮތްގޮތުން އެއްވަނައިގައި އޮތުން މާ މުހިންމު ނޫންކަމަށެވެ. އަދި އެއްވަނައިގައި އޮތުމަށް އީގަލްސްއިން އެއްވެސް ވިސްނުމެއްވެސް ނުގެންގުޅޭކަމަށް ސާންތި ބުންޏެވެ.

ފުރަތަމަ މެޗުގައި ލީގު ޗެމްޕިއަނުންނާ ބައްދަލުކުރަންޖެހުމަކީ ސާންތި ޤަބޫލްކުރާގޮތުގައި އީގަލްސްއަށް އޮތް ވަރަށް ބޮޑު ޗެލެންޖެކެވެ.

ސާންތީ ބުނީ މާޒިޔާއަކީ ވަރުގަދަ ސްކޮޑެއް އޮތް ހުރިހާ ގޮތަކުންވެސް އެންމެ އޮގަނައިޒް ޓީމްކަމަށެވެ.

އީގަލްސް މި ސީޒަނާ ކުރިމަތިލާއިރު އެއް ބަޔަކު ބުނަމުންދަނީ އީގަލްސް މިދިޔަ ސީޒަނަށްވުރެ ބަލިކަށިވެފައިވާކަމަށެވެ. އެހެން ނަމަވެސް އީގަލްސްގެ ޓީމްގައި މިއަހަރު ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އަދި މާޒިޔާގެ އަހުމަދު ނާޝިދުވެސް ފެންނާނީ އީގަލްސްއިންނެވެ.

ސާންތި ބުނީ އީގަލްސްއިން ބޭނުންވަނީވެސް މީހުން އެހެން ޤަބޫލްކުރަންކަމަށެވެ. 

"ނަން މަޝްހޫރު ކުޅުންތެރިންތަކެއް ތިބެގެން ވާކަމެއް ނޫން މީ. މިއަހަރުވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދައްކަދޭނަން ފުޓްބޯޅައަކީ ވަކި މަޝްހޫރު ކުޅުންތެރިންތަކެއް ތިބެގެން ކުޅެވޭ އެއްޗެއް ނޫންކަން." ސާންތި ބުންޏެވެ.

މިއަހަރުގެ ސީޒަނަށް މާޒިޔާއިން އީގަލްސްއަށް ބަދަލުވި އަޙުމަދު ނާޝިދު(ނާއްޓޭ)އަށް މި މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭއިރު ބިދޭސީ އެއް ކުޅުންތެރިޔަކުވެސް ނުކުޅޭނެކަމަށް އީގަލްސްގެ ކޯޗް މަޢުލޫމާތުދިނެވެ. ދާދި ފަހުން ޓިމާ ގުޅުނު ބޭރު ކުޅުންތެރިޔާ ނުކުޅެނީ ޓީމާއެކު އެކަށިގެންވާ ވަގުތެއްވަންދެން އަދި ޕްރެކްޓިސް ކުރެވިފައިނުވުމުންކަމަށް ކޯޗް މަޢުލޫމާތުދިނެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗް މަރްޔާން ސެކްލުވްސްކީ ބުނީ އީގަލްސްއަކީ މޮޅު، އޯގަނައިޒް ޓީމެއްކަމަށެވެ. މިޔަންމާ ލީގުގައި އަހަރުތަކެއްވަންދެން ކޯޗްކޮށްފައިވާ ސެކްލުވްސްކީ ބުނީ މި މެޗަކީ ފޯރިގަދަވާނެ މެޗެއްކަމަށް ގަބޫލްކުރާކަމަށާއި، ބޭނުންވަނީ ކުޅުންތެރިން އެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދެއްކުމަށްކަމަށެވެ.

"އަހަންނަށް އެންމެ މުހިންމީ ކުޅުންތެރިން އެ ކުޅުންތެރިންގެ ފެންވަރު ދެއްކުން. އެއީ އަހަރެން އެންމެ ބޭނުންވާކަމަކީވެސް އަދި އެންމެ އުފާވާނެކަމަކީވެސް" މިއަހަރުގެ ސީޒަނަށް މާޒިޔާއާއި ހަވާލުވި ކޯޗް ބުންޏެވެ.

މި މެޗަށް މާޒިޔާ ނިކުންނަނީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން އެފް.އޭ ކަޕް ޗެމްޕިއަން، ވެލެންސިޔާ އަތުން މޮޅެއް ހޯދައިގެންނެވެ.

ސެކްލުވްސްކީ ބުނީ އެ މެޗުން މޮޅުވެފައި އޮތުމުން ކުޅުންތެރިން މޯޓިވޭޓްވެފައި ތިބޭނެކަމަށް ގަބޫލްކުރާކަމަށެވެ. އެހެންނަމަވެސް އެއީ މުޅިން ތަފާތު މެޗެއްކަމަށް ސެކްލުވްސްކީ ބުންޏެވެ.

އީގަލްސްއާއި މާޒިޔާ ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވިރު 16:00 ގައެވެ.