ކުޅިވަރު

އަޅުގަނޑުނަމަ އެހާލަތުގައި ވިކްޓްރީއަކާ ޙަވާލެއް ނުވާނަން -ސާންތި


މާލޭ ލީގު ފެށެން ވަގުތު ކައިރިވަމުން އަންނައިރު ފުޓްބޯޅައިގެ އޮތް ފޯރި މިދުވަސްކޮޅު ވަނީ ވަރަށްބޮޑަށް ގަދަވެފައެވެ. ޚާއްސަކޮށް ބައެއް ކްލަބްތަކުގެ ކޯޗުންގެ މެދުގައެވެ. މިހުރިހާ ވާހަކަތަކެއް ފެށުމުގެ އަސްލަކަށްވީ ދާދި ފަހުން ވިކްޓްރީ ސްޕޯރޓްސް ކްލަބްގެ ކޯޗަކަށް ހުރި މުޙައްމަދު ޝާޒްލީ ކުއްލިއަކަށް މަޤާމުން ވަކިކޮށް، ތަޖުރިބާކާރު ކޯޗް ޢަލީ ސުޒޭން ހަމަޖެއްސި ފަހުންނެވެ.

މާލޭ ލީގުގެ ދެވަނަ މެޗުގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރާ މެޗްގެ ކުރިން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗް އިޙްސާން ޢަބްދުލްޣަނީ ( ސާންތި ) މިކަަމަށް ޢިޝާރާތްކޮށް ވަނީ ވާހަކަ ދައްކަވާފައެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސާންތި ބުނީ މަޢުލޫއިން ބޭރު ސުވާލެއް ނަމަވެސް އެއީ ޖަވާބުދިނުން ވަރަށް މުހިންމު ސުވާލެއް ކަމަށެވެ.

" ޙަޤީޤަތުގައި ދިވެހި ކޯޗުން މިޤައުމުގައި ވަރަށް މަދު. މީ އަޅުގަނޑުމެން ހުރިހާ ދިވެހި ކޯޗުން އެކައްޗެއް ކިޔަންވީ ވަގުތު. އެ ކޯޗަކީ ( ޝާޒްލީ އަކީ ) މިހާރު އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް ޕްރޯ ލައިސެންސް ނޮމިނޭޓްވެފައި ހުރި ކޯޗެއް. ކޯޗަކަށް ފުރުޞަތު ދިނީމަ ދެއްތޯ އެނގޭނީ އެއީ ކާމިޔާބު ކޯޗެއްތޯ ނުވަތަ ނޫވްތޯ. މިހުރިހާ ކަމެއް ހިނގާ ދިއުން މީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގައި ކަޅު ދުވަހެއް. ޙަޤީޤަތުގައި ސީޒަނެއް ނުފެށި ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނަ އެހުރިހާ މަސައްކަތެއްކޮށް، ޓީމެއް ހަދާ، ކުޅުންތެރިން ގެނެސް ރަޖިސްޓްރީކޮށް ހެދީމަ މިކަމެއް މި ހިނގީ. އެހެން ނަމަވެސް ވިކްޓްރީން އެ ނިންމި ނިންމުމަށް އަޅުގަނޑު އިޙްތިރާމް ކުރަން. އެއީ ކްލަބްގެ ކަމެއް. " ވިކްޓްރީގެ ކުރީގެ ކޯޗް ޝާޒްލީ ވަކިކުރި މައްސަލައާ ގުޅޭގޮތުން އީގަލްސްގެ ކޯޗް ސާންތި ބުންޏެވެ.

ކްލަބްތަކުން އެތައް މަސައްކަތެއްކޮށްގެންވެސް ދިވެހި ކޯޗުން ނުލިބޭ އިރެއްގައި މިފަދަކަމެއް ހިނގުމަކީ ދެރަކަމެއް ކަމުގައި ސާންތި ބުންޏެވެ. އަދި މީ ކޯޗެއްގެ މުޅި ކެރިއަރ ހަލާކުކޮށްލުން ކަމަށް ސާންތި އިޝާރާތް ކުރިއެވެ. އަދި ދިވެހި ކޯޗުން މިކަމަށް ވިސްނަން ވެއްޖެ ކަމަށާއި ޚާއްސަކޮށް މުސްތަޤްބަލްގައި މިފަދަކަމެއް ތަކުރާރު ވިޔަނުދިނުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއްކަމަށް ސާންތީ ބުންޏެވެ.

" މީހަކަށް ޓީމެއް ނެތީމައޭ ކިޔާފައި މިކަންތައްތައް ކުރުމަކީ ފުޓްބޯޅައިގައި އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑުނަމަ އެހާލަތުގައި ވިކްޓްރީއަކާ ޙަވާލެއް ނުވާނަން ކިތަންމެ ބޮޑު މުސާރައެއް ދިނަސް. އަޅުގަނޑު ހިތައް އެރި ނޫސްތަކާއި އެއްޗިހި ކިޔާލީމަ، ކީއްވެބާއޭ ޝާޒްލީއާ ވިކްޓްރީ ހަވާލުކުރި އިރު ކުރިން އޭނަގެ ފެންވަރެއް ވިކްޓްރީއަށް ނޭނގުނީ. " އެތައް ބައިވަރު ސުވާލުތަކެއް އުފައްދަމުން ކޯޗް ސާންތި ބުންޏެވެ. 

މާލޭ ލީގުގައި އީގަލްސްގެ ފުރަތަމަ ކުރިމަތިލުމަކަށްވާނީ ވޭތުވެދިޔަ ސީޒަންގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މާލޭ ލީގުގެ ފުރަތަމަ މެޗެވެ.