އިނގިރޭސި ވިލާތުގެ އެންމެ ދުވަސްވީ އެއް ކްލަބް ރެޑިންގ އެފްސީއާއި ރާއްޖޭގެ ނިއުރޭޑިއަންޓާ ދެމެދު ކުޅުންތެރިން ބަދަލުކުރުމާއި، ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި އެހީވެދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ނިއުރޭޑިއަންޓްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން މުޙައްމަދު ޒިޔާދެވެ. ރެޑިންގ އެފްސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ ސްމްރިތްއެވެ.
ސޮއިކުރެއްވުމަށްފަހު ޒިޔާދު ވިދާޅުވީ މިއީ ވަރަށް މުޙިއްމު އެއްބަސްވުމެއްކަމަށެވެ. ރެޑިންގ އެފްސީގެ އެގްޒެކްޓިވް ޑިރެކްޓަރ ވިދާޅުވީ މިއީ ދިވެހި ޤައުމަށް އެމީހުން ކޮށްދޭ ކަމެއްކަމަށެވެ. ރެޑިންގ އަކީ އިނގިރޭސިވިލާތުގެ އެންމެ ވަރުގަދައަށް އެކަޑަމީ އިންގަމުން އަންނަ އެއް ކްލަބް ކަމަށާއި، އެ އެކަޑަމީގެ އެހީތެރިކަން ނިއުރޭޑިއަންޓަށް ލިބޭނެކަމަށްވެސް ސްމްރިތް ވިދާޅުވިއެވެ.
އިނގިރޭސި ދެވަނަ ފަންތީގެ މުބާރާތް ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރެޑިންގ އަކީ 1871 ވަނަ އަހަރު އުފެއްދި އެޤައުމުގެ އެންމެ ދުވަސްވީ އެއް ކްލަބެވެ. އެކްލަބް ވަނީ އިނގިރޭސި ފުރަތަމަ ފަންތީގެ މުބާރާތް އަދި ދުނިޔޭގެ އެންމެ ބޮޑު ލީގު އިނގިރޭސި ޕްރިމިއަރ ލީގުގައި އެއް ސީޒަންގައި ވާދަކޮށްފައެވެ. 2011-2012 ވަނަ ސީޒަންގައި ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއަރ ލީގަށް ކޮލިފައިވެ، 2012-2013 ވަނަ ސީޒަންގައި އެޓީމް ޕްރިމިއަރ ލީގުގައި ވާދަކުރިއެވެ. ނަމަވެސް ލީގުގައި ހިފަހައްޓާ ނުލެވުމުން އަލުން ރެލިގޭޓްވީއެވެ. ލީގު ރެޑިންގ ނިންމާލީ 19 ވަނާގައެވެ. ރެޑިންގއަށްވުރެ ފަހަތަށް ދިޔައީ ކިޔު.ޕީ.އާރެވެ. ލީގުގައި ކުޅުނު 38 މެޗުން ރެޑިންގއަށް ލިބުނީ 28 ޕޮއިންޓެވެ.
ރެޑިންގ ވަނީ 2015 ވަނަ އަހަރު އިނގިރޭސި އެފްއޭކަޕް ސެމީފައިނަލަށް އަދި 2016 ވަނަ އަހަރު ކްއާޓަރ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.
33 މެޗުން 60 ޕޮއިންޓް ހޯދައިގެން ރެޑިންގ މިވަގުތު އޮތީ ޗެމްޕިއަންޝިޕްގެ 4 ވަނާގައެވެ. އެއްވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެމެދު އޮތީ 9 ޕޮއިންޓްގެ ފަރަޤެކެވެ.
އާ މެނޭޖްމަންޓަކާއެކު، ބޮޑު ހޭދައެއްކޮށް މޮޅު ކުޅުންތެރިން ހޯދައިގެން މިއަހަރުގެ ސީޒަނާ ކުރިމަތިލާ ނިއުރޭޑިއަންޓުން ވަނީ މިއަހަރު އިނގިރޭސި ވަރުގަދަ ކްލަބަކާ ދެކޮޅަށް މާލޭގައި މެޗެއް ކުޅޭނެކަންވެސް އިއުލާންކޮށްފައެވެ. މިކަން އިއުލާންކުރައްވާފައިވަނީ ކްލަބްގެ ޗެއަރމަން މުޙައްމަދު ޒިޔާދެވެ. ނަމަވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި މެޗު ކުޅޭނެ ވާހަކައެއް އިއުލާނެއް ނުކުރެއެވެ. މެޗުގެ އެއްވެސް ވާހަކައެއް މިއަދުގެ ޕްރެސްކޮންފަރެންސްގައި ނުދައްކައެވެ.