ޚަބަރު

ދ އަތޮޅު ކައުންސިލް އިދާރާ ޢިމާރާތްކުރެއްވުމުގެ މަސައްކަތް


ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލު އިދާރާގެ އައު ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ކޮންޓްރެކްޓަރާ މިއަދު ޙަވާލުކުރައްވައިފިއެވެ.

ނިލަންދެ އަތޮޅު ދެކުނުބުރީގައި މިހާރު ބޭނުން ކުރަމުންގެންދާ ކައުންސިލް އިދާރާއަކީ 30 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ޢިމާރާތެކެވެ. އެޢިމާރާތް ބާވެ ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތި ވަމުންދާތީ ސަރުކާރުން މިވަނީ ކައުންސިލް އިދާރާގެ ޢިމާރާތްކުރެވުމަށްޓަކައި މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން ދ.އަތޮޅު ކައުންސިލް އިދާރާ ޢިމާރާތް ކުރެއްވުމަށްޓަކައި ހަވާލުކުރައްވާފައި ވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ބްރޯނީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއިމާރާތަކީ ދެ ބުރިއަށް އިމާރާތް ކުރައްވާ އިމާރާތެކެވެ. 

ދ އަތޮޅު ކައުންސިލް އިދާރާ އިމާރާތް ކުރުމަށް ގާތްގަނޑަކަށް 2.6 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ހޯމް މިނސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ދ އަތޮޅު ކައުންސިލް އިދާރާ އިމާރާތްކުރެއްވުން ކޮންޓްރެކްޓަރާއި ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ވާހަކަފުޅުދައްކަވަމުން ހޯމް މިނސްޓަރ އަޒުލީން އަޙްމަދު ވިދާޅުވީ ދ. އަތޮޅު ކައުންސިލު އިދާރާގެ އައު ޢިމާރާތް ނިމުމުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އިތުރަށް ވަރުގަދަވެ ހަރުދަނާވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ދ.އަތޮޅު ކައުންސިލް އިދާރާއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙުމަދު އާމިރު ވަނީ އެއަތޮޅު ކައުންސިލް އިދާރާ ބާވެ، ޚިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުޑަހުވަދޫގައި އަލަށް ޢިމާރާތް ކުރައްވާ ކައުންސިލް އިދާރާ އިމާރާތް ކުރައްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް އެންމެ އެކަށީގެންވާ ތަނުގައިކަން އާމިރު ފާހަގަކުރެއްވިއެވެ.

ދ އަތޮޅު ކައުންސިލް އިދާރާ އިމާރާތް ކުރެއްވުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޒުލީން އަހުމަދުއެވެ. ބްރޯނީ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ޢަލީ ރަޝީދު އިބްރާހީމްއެވެ. ކޮންޓްރެކްޓަރ ގެ ފަރާތުން ވަނީ ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުމުގެ ޔަޤީންކަން ދެއްވާފައެވެ. އެއިމާރާތް ކޮންޓްރެކްޓަރާއި ހަވާލުކުރައްވާފައިވަނީ ދުއިސައްތަ ފަންސާސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.