ޚަބަރު

"ހީވާގި ކަނބަލުން" މަޢުރަޒު ރަސްމީގޮތުން މިރޭ ފަށްޓަވާނެ


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ "ހީވާގި ކަނބަލުން '' މަޢުރަޒު ރަސްމީގޮތުން މިރޭ ފަށްޓަވާނެއެވެ. އަންހެނުން ކުރާ މަސައްކަތްތައް ދައްކާލުމަށް ބާއްވަވާ މިމަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ދަރުބާރުގޭގައެވެ. މަޢުރަޒު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. އަންހެން ކަނބަލުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އެއްތަނަކުން ދައްކުވައިދިނުމުގެ ގޮތުން ބާއްވަވާ މިމައުރަޒު ޢާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މައުރަޒު ހުޅުވާފައި ހުންނާނީ މާދަމާ ހަވީރު 4 އަކުން އިރުއޮއްސި 6 އަށެވެ. އަދި ރޭގަނޑު 8 އިން 12 އަށެވެ. މީގެއިތުރުން ހޮނިހިރު ދުވަހާއި، އާދިއްތަ ދުވަހު ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސަޤާފީ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޢުރަޒު އިންތިޒާމުކުރާ ކޮމިޓީން ވިދާޅުވެއެވެ. މާދަމާއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް މަޢުރަޒު ކުރިއަށްދާނެއެވެ.

img:http://s1.psmnews.mv/images/660x400/14796516384827.jpg|ހީވާގި ކަނބަލުން މައުރަޒާއި ގުޅޭގޮތުން ހިންގާ ކޮމިޓީގެ ފަރާތުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން- ފައިލް ފޮޓޯ: ޕީއެސްއެމް

ހީވާގި ކަނބަލުން މައުރަޒު އިންތިޒާމުކުރުމުގެ އިސް ޙަރަކާތްތެރިއެއް ކަމަށްވާ ޒީނާޒް އަދުނާން ވިދާޅުވީ، މައުރަޒު ހުޅުވުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ޒީނާޒް ވިދާޅުވީ، މައުރަޒުގައި ތަފާތު ގިންތިތަކުން 500 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ތަކެތި ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި މިރޭގެ ރަސްމިއްޔާތުގައި ވަނަވަނައަށް އައި ފަރާތްތައް އިޢުލާންކޮށް، އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޒީނާޒް ވިދާޅުވިއެވެ.

"ހީވާގި ކަނބަލުން" މަޢުރަޒުގައި ތަކެތި ބައިވެރިކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ލިޔެލާޖެހުމުގެ މަސައްކަތްތަކާއި، ހެދުން ފެހުމާއި، ޑިޒައިނިންގއާއި، ކޭކް އެޅުމާއި، މިނޫންވެސް ތަފާތު މަސައްކަތްތައް ހިމެނެއެވެ. މިއީ ރާއްޖޭގެ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ މަޢުރަޒެވެ. މިމަޢުރަޒަށް ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ފޮނުވާފައިވާ ދަޢުވަތު ކާޑުގައި ލަކީ ޑްރޯ ކޫޕަނެއް އޮންނާނެ ކަމަށާއި، އެ ކޫޕަން ފުރައިގެން ޖަލްސާއަށް ވަޑައިގެންނެވުމަށް މައުރަޒު އިންތިޒާމުކުރާ ކޮމެޓީން އެދިވަޑައިގަންނަވައެވެ.