ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި 41.7 މިލިއަން ޑޮލަރު !


ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނައިރު، މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ، ސާޅީސް އެކެއް ޕޮއިންޓް ހަތެއް މިލިއަން ޑޮލަރު ލިބިފައެވެ. ގްރީން ޓެކްސް ނަމުގައި ޓެކްސްއެއް ނަގަން ފަށާފައިވަނީ ދެހާސް ފަނަރަވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ، އެންމެ ގިނައިން ލިބުނީ، ފެބުރުއަރީ، އަދި ޑިސެމްބަރުމަހުއެވެ. ފެބުރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ހަތަރެއް ޕޮއިންޓް ތިނެއް މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ޑިސެމްބަރުމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ތިނެއް ޕޮއިންޓް ނުވައެއް ހައެއް މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ގްރީން ޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށެވެ.

ގެސްޓް ހައުސްތައް ފިޔަވައި ރިސޯޓް އަދި ސަފާރީތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް ނަގަނީ ހަ އެމެރިކާ ޑޮލަރެވެ. ގެސްޓް ހައުސްތަކަށް ޒިޔާޔަތްކުރާ ފަތުރުވެރިންގެ އަތުން ބޮލަކަށް ނަގަނީ ތިން ޑޮލަރެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަމުގައި ޓެކްސެއް ނެގުމަށް ސަރުކާރުން ނިންމެވުމުގެ މައިގަނޑު ސަބަބަކީ، ކުނި ނައްތާލާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމެވެ.

ކުނީގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ރ.ވަންދޫގައި ވަނީ ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒެއް ޤާއިމްކުރައްވާފައެވެ. މި މަރުކަޒުގައި ދޭއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރުގެ އިންސިނެރޭޓަރެއް ބަހައްޓާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު އިންސިނެރޭޓަރ ނުވަތަ ކުނި ނައްތާލާ މެޝިންނެވެ.

މި މެޝިން މެދުވެރިކޮށް ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން،  އެސަރަޙައްދުގައި އޮޕަރޭޓްކުރާ 22 ރިޒޯޓްގައި އުފެދޭ ކުނީގެ ތެރެއިން، ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނި ވަންދޫއަށް ގެންގޮސް، ނައްތާލެވޭނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ.