ދުނިޔެ

ޕޯސްޓް އޮފީހުގެ ސީއީއޯގެ މުސާރަ ބޮޑުވަޒީރަށްވުރެ ބޮޑު !


އޮސްޓްރޭލިއާގެ ސަރުކާރުން ހިންގާ ޕޯސްޓަލް ސަރވިސްގެ ސީއީއޯ މުސާރައިގެ ގޮތުގައި 5.6 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 4.3 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު ލިބިވަޑައިގެންނެވިކަން ހާމަވުމާ ގުޅިގެން އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.  

ޙަބަރުތައް ބުނާގޮތުން އޮސްޓްރޭލިއާގެ ޕޯސްޓުގެ ސީއީއޯ އަހުމަދު ފަހޫރުއަށް ލިބިވަޑައިގެންނެވި 5.6 މިލިއަން އޮސްޓްރޭލިއަން ޑޮލަރަކީ އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ލިބިވަޑައިގެންނަވާ މުސާރައަށްވުރެ ދިހަ ގުނަ ބޮޑު އަދަދެކެވެ. އެއާއެކު އޭނާ ވެފައިވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބިވަޑައިގެންނެވި ބޭފުޅާއަށެވެ. ބޮޑު މުސާރަ ނެންގެވި މައްސަލަ ބޮޑުވުމާއެކު ޕޯސްޓުގެ ސީއީއޯވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. 

އިސްތިއުފާދެއްވުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، މަޤާމުން އިސްތިއުފާދެއްވީ މުސާރައިގެ މައްސަލައިގައި ނޫންކަމަށާއި ވަޒީފާގައި ގިނަ ދުވަސްވުމާ ގުޅިގެންކަމަށެވެ.

"އަަހަރެން އިސްތިއުފާ ދިން މައިގަނޑު ސަބަބަކީ މި ވަޒީފާގައި އުޅޭތާ ހަތް އަހަރުދުވަސްވުން.. އާއްމުކޮށް މިމަޤާމުގައި މީހަކަށް ދެމިހުރެވެނީ ދެތިން އަހަރު.. އަހަންނަށް ހީވަނީ ހަތް އަހަރަކީ މާގިނަ ދުވަސްހެން.." ފަހޫރު ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ޕޯސްޓް ބޯޑުގެ ޗެއަރމަން ވިދާޅުވީ އަހުމަދު ފަހޫރު ކުންފުނިން ވަކިވެވަޑައިގަތީ، އޭނާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނި އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދެއްވާފައިކަމަށެވެ.