ސިއްހަތު

"ކެއަރ ފޮރ ޓައިނީ ހާޓްސް" ކޭމްޕް އަތޮޅުތަކުގައި ކުރިއަށް ގެންދަނީ


ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ހިންގާ "ކެއަރ ފޮރ ޓައިނީ ހާޓްސް" ކޭމްޕް ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދަން އެ ޖަމްޢިއްޔާއިން ނިންމައިފިއެވެ.

ހިތުގެ ބަލިތައް ހުންނަ ކުދިން ލުއިފަސޭހަ ގޮތެއްގައި ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މި ކޭމްޕަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޭމްޕެކެވެ.

"ކެއަރ ފޮރ ޓައިނީ ހާޓްސް" ކޭމްޕް ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށް ގެންދަން ނިންމިކަން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވަނީ އާސަންދަ ކުންފުނިން މި ކޭމްޕުގައި ބައިވެރިވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއަހަރުގެ ކޭމްޕު އޮންނާނީ އަންނަމަހުގެ 19 އިން 21 ހަށް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި އެ ޖަމްޢިއްޔާގެ އަމާޒަކީ މި ކޭމްޕުގައި 160 ހަށްވުރެ ގިނަ ކުދިންނަށް ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އާސަންދަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން ޢަބްދުއްޞަމަދެވެ. އަދި ޓައިނީ ހާޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕަރސަން ފިއުނާޒް ވަޙީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުއްޞަމަދު ވިދާޅުވީ މި ކޭމްޕުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެ ކުންފުންޏަށް ދެވެން އޮތް ހުރިހައި އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި ތިބޭފުޅުންނަށް އެންމެ ބޮޑަށް ސަރވިސްދެވޭނެ ބަޔަކީ ހަމަ އާސަންދަ. އަޅުގަނޑުމެން ވެސް ތިބޭފުޅުންގެ މި އެއްބަސްވުމާއި ގުޅިގެން ވަރަށް ބޮޑު މަޝްވަރާތަކެއް ކުރިން. އެހެންވީމަ އަތޮޅުތެރޭގެ ހުރިހައި ދިމާލަކަށްވެސް އަޅުގަނޑުމެންނަށް ޑޮކްޓަރުން ފޮނުވޭނެ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މީގަ މި އޮތް ވަރަށް ވުރެވެސް ބޮޑަށް އަޅުގަނޑުމެންނަށް ތިބޭފުޅުންނަށް އެއްބާރުލުން ދެއްވޭނޭ." އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުއްޞަމަދު ވިދާޅުވިއެވެ.

އާސަންދަ ކުންފުނީގެ އަމާޒަކީ ޞިއްޙީ ދައިރާގައި މަސައްކަތް ކުރައްވާ ހުރިހައި ފަރާތްތަކާއި ގުޅިގެން އާސަންދަ ސްކީމް ބައްޓަންކޮށް ފުޅާކުރުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ހުރިހައި ޖަމްޢިއްޔާތަކަށް ވެސް އާސަންދައާ ގުޅިގެން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓައިނީ ހާޓްސްގެ ޗެއަރޕަރސަން ފިއުނާޒް ވަޙީދު ވިދާޅުވީ ހިތުގެ ބަލިތައް ހުންނަ ވަރަށް ގިނަ ޢަދަދެއްގެ ބަލިމީހުން އަތޮޅުތަކުގައި އުޅެމުންދާ ކަމަށް.އެހެންކަމުން ސްކޫލް ބަންދުތަކާއި ދިމާކޮށް އަތޮޅުތަކުގައި މިފަދަ ކޭމްޕްތައް ކުރިއަށް ގެންދާނެ ކަމަށް ފިއުނާޒް ވިދާޅުވިއެވެ.

"ކޮންމެ އަހަރެއްގެ ވެސް ކޭމްޕުގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކުދިން ޑޮކްޓަރަށް ދައްކާ އަދި ބައެއް ކުދިންނަކީ އޮޕަރޭޝަނެއް ކުރަން ވެފައި ހުރި ކުދިން ނުވަތަ އިތުރަށް ހަމަހުން ހަމަހުން ދައްކަން ޖެހިފައި ތިބި ކުދިން. އެހެންވީމަ އެކުދިންނަށް ރާއްޖެއިން ބޭރަށް ނުގޮސް ދެއްކޭނެ ފުރުޞަތު އަޅުގަނޑު މި ފަހިކޮށްދެނީ." ޓައިނީ ހާޓްސްގެ ޗެއަރޕަރސަން ފިއުނާޒް ވަޙީދު ވިދާޅުވިއެވެ.

މި ކޭމްޕްގައި ފަރުވާދެއްވާނީ ދިވެހިން އެންމެ ގިނަ ޢަދަދަކަށް ހިތުގެ ފަރުވާ ހޯދަމުންދާ، އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ ޚާއްޞަ ދެ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންނެވެ.

މި ކޭމްޕުތަކުގައި ބަލިމީހާގެ ޙާލަތު ދެނެގަނެ އެ ބައްޔާއި ގުޅޭ އިރުޝާދުތައް ދެވެއެވެ. އަދި ބަނޑުގައި ކުއްޖާ އޮއްވާ އެފަދަ ބަލިތައް ދެނެގަނެވޭނެ ގޮތުގެ ތަމްރީނުވެސް މި ކޭމްޕްތެރޭގައި ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހިތުގެ ބަލި ހުންނަ 450 ވުރެ ގިނަ ބަލިމީހުން ޓައިނީހާޓްސްގައި ރަޖިސްޓްރީވެފައިވެއެވެ. މިހަތަނަށް މިފަދަ 8 ކޭމްޕު އެ ޖަމްޢިއްޔާއިން ބާއްވާފައިވެއެވެ.