ޚަބަރު

"މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުން ކާމިޔާބު"


ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިގޮތަށް ވިދާޅުވެފައިވަނީ، މިނިވަން ވިޔަފާރީގެ މުއާމަލާތްތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ގުޅިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ އޯޑިޓޯރިއަމުގައި ފެށި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، ބައިނަލްއަޤްވާމީ މިނިވަން ވިޔަފާރީގެ މައިދާނަށް ސަރުކާރުން ވަނުމަށް ނިންމީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހުރި ފުރުސަތުތައް ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ފައިދާހުރި ގޮތުގައި ފޯރުކޮށްދިނުމަށްކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަށް ބަލާއިރު، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރެއްވުމުގެ ގޮތުން ކުރިއަށްގެންދިޔަ ވާހަކަތައް މިހާރުވަނީ ނިމިފައެވެ. 

މިނިސްޓަރ ސައީދު ވިދާޅުވީ، ޗައިނާ އާއިއެކު ކުރިއަށްގެންދިޔަ ވާހަކަތައް ކާމިޔާބުކަމާއިއެކު ނިމިފައިވާކަމަށެވެ. އަދި ހޮންކޮންގ އާއިއެކު ކުރިއަށްދާ ވާހަކަތައް ކާމިޔާބުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ މުއާމަލާތްތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ އޯޑިޓޯރިއަމުގައި މިއަދު ފެށި ޕްރޮގްރާމުގައި ރާއްޖޭގެ ސްކޫލް، ކޮލެޖް، އަދި ޔުނިވަރސިޓީތަކުން ދުއިއްސައްތަ ފަންސާހަށްވުރެ ގިނަ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތުދެއްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޑަބްލިއުޓީއޯގެ މާހިރުންނެވެ.