ވިޔަފާރި

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނި ހޮވައިފި


ވިޔަފާރި މަޖައްލާއެއްކަމަށްވާ ކޯޕަރޭޓިވް މޯލްޑިވްސްއިން ހޮވާ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަތޭކަ ކުންފުނީގެ ނަންތައް އިއުލާނުކޮށްފިއެވެ.

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަތޭކަ ކުންފުނީގެ އެވޯޑް ޙަވާލުކުރީ މިކަމަށްޓަކައި ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ގޯލްޑް ހަންޑްރެޑް ގާލާ ނައިޓުގައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ޙަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ބައިވެރިވިއެވެ.

ގޯލްޑް ހަންޑްރެޑް ގާލާ ނައިޓުގައި ރާއްޖޭގެ އިޤްތިޞާދަށް ޚިދުމަތްކޮށްދެއްވި ދެ ވިޔަފާރިވެރިއަކަށް ޝަރަފްވެރިކަމު އެވޯޑް ދެއްވިއެވެ. ކޯޕަރޭޓިވް މޯލްޑިވްސްގެ މި ދެ އެވޯޑް ލިބިވަޑައިގަތީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ދެ ބާނީ، ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން، މުޙައްމަދު އުމަރު މަނިކު އަދި ޗަމްޕާ ބްރަދާސްގެ އެއް ޙިއްސާދާރު، ޙުސައިން އަފީފްއަށެވެ.

މި ބޭފުޅުންނާ އެވޯޑް ޙަވާލުކޮށްދެއްވީ ޙަފްލާގެ ޝަރަފްވެރި މެހުމާނު މަރުކަޒީ ބޭންކްގެ ގަވަރުނަރ ޑރ އަޒީމާ އާދަމްއެވެ.

ކޯޕަރޭޓިވް މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަތޭކަ ކުންފުނި ހޮވާފައިވަނީ، އެކަމަޓަކައި އެކުލަވާލި ޚާއްޞަ ޕެނަލަކުންނެވެ. ރާއްޖޭގައި ދިހަ ހާހަށްވުރެ ގިނަ ކުންފުނި ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.