ޚަބަރު

ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު މާޗް 1 ގައި ފަށަނީ


ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ޤައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަޝްރޫޢު އަންނަ މާޗުމަހުގެ އެއްވަނަ ދުވަހު އިފްތިތާޙުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިމަޝްރޫޢު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމަށެވެ. އަދި މިކޮމިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފަންނީ ބޭފުޅުންގެ ހިމެނޭ ކޮމިޓީއެއްވެސް އެކުލަވާލައްވާފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14877490609230.jpg|ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްްއެމް

ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގެވުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައެވެ. ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް އެމަނިކުފާނު އިސްކުރައްވާނީ ޤައުމުގެ މަޞްލަޙަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14863760831089.jpg|ރައީސުލްޖުމްހޫރިއްޔާ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަނީ- ފޮޓޯ: ރައީސް އޮފީސް

" ކޮންމެ ކަމެއްގައިވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ، މި ލޮބުވެތި ޤައުމުގެ މަޞްލަޙަތުކަން ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިއަދުވެސް ޔަޤީންކޮށް އަރުވަން. ރައްޔިތުންގެ އަބުރު ރައްކާތެރިކޮށް، ރައްޔިތުން ޙިމާޔަތްކޮށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު. އެ  ވަޢުދު ފުއްދުމަށް މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުން، މީގެކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް އަތުވެއްޖެ." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ޤައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަޝްރޫޢުގެ ދަށުން ޚާއްސަކޮށް ޒުވާނުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.