އަރިއަތޮޅު އުތުރުބުރިއާއި އެއަތޮޅު ދެކުނުބުރީގެ ރަށްރަށުގެ ސްކޫލްތަކަށް ޚާއްސަ ކުރައްވައިގެން ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށްޓަވައިފިއެވެ.
އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދަވާ މިޕްރޮގްރާމްގެ ދަށުން، ކޮންމެ މަހަކު އެއްފަހަރު މި ދެއަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި އިންތިޙާނުތަކުގެ ނަތީޖާ ރަނގަޅުކުރެއްވުމާގުޅޭ ގޮތުން މަސައްކަތްތަކެއް ކުރައްވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކުރެއްވުމުގެ ސިޔާސަތުގެ ދަށުން، އޯލެވެލް އިމްތިޙާނުގައި ސްކޫލްތަކުން ހޯދާ ނަތީޖާ، ރަނގަޅުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އއ. އާއި، އދ އަތޮޅުގެ ސްކޫލްތަކަށް ޚާއްޞަކުރައްވާފައިވާ އެޑޮޕްޝަން ޕްރޮގްރާމް ފަށްޓަވައިދެއްވީ މިނިސްޓްރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާމްއެވެ.
ހިރިޔާ ސްކޫލުގައި ބާއްވަވާ މި ޕްރޮގްރާމް ފަށްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިޙާމް ވިދާޅުވީ، މީގެ ތިންއަހަރު ދުވަހުގެ ކުރިން ސާނަވީ އިމްތިޙާނުތަކުން ފަސް މާއްދާއާއި، ތިން މާއްދާއިން ދަރިވަރުން ފާސްވާ އިންސައްތަ ދަށްވުމާއި ގުޅިގެން އެމިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ފެށްޓެވިކަމަށެވެ. އެގޮތުން، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މާލެ އަތޮޅުގެ ސްކޫލްތަކަށް އެޑޮޕްޝަން ޕްރޮގްރާމެއް ހިންގެވިކަމަށާއި، އޭގެ ނަތީޖާ ވަރަށް ކާމިޔާބުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެޕްރޮގްރާމް ހިންގެވީ ތިން އަހަރު ދުވަހަށް ނަމަވެސް މިފަހަރު އަރިއަތޮޅުގެ ސްކޫލްތަކަށް އެޑޮޕްޝަން ޕްރޮގްރާމް ހިންގަވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
"އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ، 2017 ވަނަ އަހަރު ނިމެންވާއިރަށް ކުދިން ގްރޭޑް ދިހައެއް ނިންމާއިރު، ބޭނުންވަނީ، އއ، އދ، ގެ ސްކޫލްތަކުގައި އުޅޭ ހުރިހާ ކުދިންވެސް، 80 ޕަސެންޓް ކުދިން ފަސް މާއްދާއިން ފާސްވާންވާނެއޭ. އަޅުގަނޑަށް އިނގޭ އަޅުގަނޑުމެންގެ އޮންނަ ނޭޝަނަލް ސްޓޭންޑެޑަކީ، ފަސްދޮޅަސް އިންސައްތަކަން، އެކަމަކު އައްޑިހަ ޕަސެންޓް ފާސްވާން ވާނެ. އަދި އޭގެ އިތުރަށް ތިން މާއްދާއިން ސަތޭކަ ޕަސެންޓް ފާސްވާންވާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މި ދެއަތޮޅުގެ ސްކޫލް ޕްރިންސިޕަލުންވެސް ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން އެއަތޮޅުތަކުގެ ދަރިވަރުންނަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށެވެ. އަދި މި އެޑޮޕްޝަން ޕްރޮގްރާމުގެ ސަބަބުން ސާނަވީ އިމްތިޙާނުތަކުން ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް ސްކޫލްތަކުން ފާހަގަކުރެއެވެ.
އެޑޮޕްޝަން ޕްރޮގްރާމް މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ވަނީ ހިންގަވާފައެވެ. އަދި ހދ، ނ، އަދި ލ އަތޮޅުގެ ސްކޫލްތަކަށް މިއަހަރުގެ ތެރޭގައި މި ޕްރޮގްރާމް ފެށްޓެވުމަށް ހަމަޖައްސަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.