ސިއްހަތު

"ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރާ 2 ޢިމާރާތް މިއަހަރު ނިމޭނެ"


ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރައްވާ ދެ ޢިމާރާތް އޮކްޓޯބަރުމަހުގެ ތެރޭގައި ނިންމަވައި، ޚިދުމަތް ފެށްޓެވޭވަރުވާނެކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލްގެ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ޞިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ފެންވަރު ރަނގަޅު ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސަވައިދެއްވުމަކީ ސަރުކާރުގެ ޢަމާޒެކެވެ.

އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރައްވައި، ގިނަ ބަޔަކަށް އެއްފަހަރާ ޚިދްމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށެވެ. އާސަންދަ ކުންފުންޏާ ޙަވާލުކުރައްވައިގެން، ހޮސްޕިޓަލް ތަރައްޤީކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މި މަސައްކަތުގެ ތެރެއިން ހޮސްޕިޓަލުގެ މައި ޢިމާރާތަށް އިތުރު ބަދަލުތަކެއް ގެންނަވައި، އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިތުރު ދެއިމާރާތް އެޅުއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

ހަތަރު ބުރީގެ ޢިމާރާތަކާއި ހަތްބުރީގެ އިމާރާތެއް އަޅުއްވަމުން ގެންދަވާއިރު، ހަތަރު ބުރީގެ ޢިމާރާތުގެ ސްޓްރަކްޗަރގެ ހުރިހައި މަސައްކަތެއް ވަނީ ނިންމަވާފައެވެ. އެހޮސްޕިޓަލުން ވިދާޅުވީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި އިންޓީރިއާ މަސައްކަތް ފަށްޓަވާނެކަމަށެވެ. ހަތްބުރީގެ ޢިމާރާތުގެ މަސައްކަތަށް ބަލާއިރު، ހަތަރު ބުރީގެ ސްޓްރަކްޗަރ ނިމި މިހާރު ފަސްވަނަ ބުރީގެ ޝީޓް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. މިމަސައްކަތް ކުރިޔަށް ގެންދަވާ ގޮތް ބައްލަވާލެއްވުމަށް، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ކޮންސްޓްރަކްޝަން ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. މަސައްކަތް ބައްލަވާލެއްވުމަށްފަހު މީޑީއާއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އާސަންދައިން މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ރޭވިފައިވާ ތާވަލާ އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އަދި އަލަށް އިމާރާތްކުރެވޭ ދެ އިމާރާތުގެ މަސައްކަތް ނިމި އޮކްޓޯބަރުމަހުގެ ތެރޭގައި ޚިދްމަތް ދެވޭވަރުވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



"މިތަނުގެ އާބާދީ މިދަނީ ހީނުކުރާހާ މިންވަރަށް އިތުރުވަމުން. މިކޮޅަށް އަންނަ ޕޭޝަންޓުގެ އަދަދުވެސް ދަނީ އިތުރުވަމުން. އެހެންކަމުން މިތާނގައި އިތުރު ޑިޕާޓްމެންޓްތައް ޤާއިމްކުރެވިގެން، އަވަސް މުއްދަތެއްގެ ތެރޭގައި ޚިދްމަތްތައް ދެވޭތަން ފެނިގެން ދިއުމަކީ އެއީ ސަރުކާރުން ކޮންމެހެންވެސް ބޭނުންވާކަމެއް. މިހާރުވެސް މި ފެންނަނީ 4 ބުރީގެ އިމާރާތަކާއި 7 ބުރީގެ ޢިމާރާތެއް ނިމިގެންދާ މަންޒަރު. އިރާދަކުރެއްވިޔާ ސެޕްޓެމްބަރު އޮކްޓޯބަރު ހިސާބަށް ދާއިރު، އިމާރާތްތައް ނިމި ޚިދްމަތްދޭން ފަށާނެ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ޚިދްމަތް ދެއްވަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 150 މީހުން ޚިދްމަތް ހޯދައެވެ. އެހޮސްޕިޓަލުން ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި، ލެބޯޓްރީއާއި، ބްލަޑް ބޭންކިންގެ ޚިދުމަތާއި، އެކްސްރޭއާއި، އަލްޓްރާ ސައުންޑު ސްކޭންކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާއާއި ކަށީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި ލެބޯޓްރީގެ ޚިދުމަތާއި ތެލެސީމިއާއަށް ޓެސްޓުކުރުމުގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް އެހޮސްޕިޓަލުން ދެއްވައެވެ. ހޮސްޕިޓަލުން ވިދާޅުވީ، އަމާޒަކީ ހުޅުމާލޭގެ ރަށްވެހިން މާލެނުގޮސް ހުރިހައި ޞިއްޙީ ޚިދްމަތް ލިބޭނޭ އިންތިޒާމް އެހޮސްޕިޓަލުގައި ހަމަޖެއްސުންކަމަށެވެ.

"އެތެރެހަށްޓާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުންފަދަ ޢާއްމު ހުރިހައި ޚިދްމަތެއް މި އިމާރާތްތައް ނިމިގެންދާއިރު ޤާއިމް ކުރެވިގެންދާނެ. އަޅުގަނޑުމެންގެ ޢަމާޒަކީ، މިއަހަރުގެތެރޭގައި މިކަންކަން ނިންމުން. އެހެންވީމައި މާލެއިން ލިބޭ ހުރިހައި ޚިދްމަތެއް މިތަނުން ލިބިގެންދާނެ. އޭގެ އިތުރުންވެސް ވަރަށް ގިނަ ޚިދްމަތްތައް ފުޅާ ކުރެވިގެންދާނެ." ހުޅުމާލޭ ހޮސްޕިޓަލުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ނަޒީމް ވިދާޅުވިއެވެ.

ތިރީސް ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ހުޅުމާލޭގައި، މިވަގުތު ޞިއްހީ ޚިދްމަތް ދެއްވާ ހަމައެކަނި ހޮސްޕިޓަލުގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްވީއިރު، މިހާރު ޢަމާޒަކީ 150 އެނދުގެ ހޮސްޕިޓަލަކަށް އެހޮސްޕިޓަލް ބަދަލުކުރައްވައި ދުވާލަކު އެވްރެޖްކޮށް އެއްހާސް މީހުންނަށް ފަރުވާދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމެވެ.