ޚަބަރު

ތިނަދޫގައި ހިންގަމުންދާ މަޝްރޫޢުތައް އޭޕްރީލްމަހު ނިންމަނީ


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރެއްވުމުގެ ކުރިން އެރަށުގައި ސަރުކާރުން މިހާރު ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ނިންމެވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށް ނާއިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގައި ދިރިއުޅުއްވާ ތިނަދޫގެ ރައްޔިތުންނާ، ބައްދަލުކުރައްވުމަށް އަޙްމަދިއްޔާ ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ނާއިބް ރައީސް ވިދާޅުވީ، ތިނަދޫގައި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް އަންނަ އޭޕްރީލް މަހުގެ 30ގެ ނިޔަލަށް ނިންމަވަން ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަމަށެވެ. ނާއިބް ރައީސް ވިދާޅުވީ ތިނަދޫގައި ކުރިއަށްދާ މަޝްރޫޢުތައް ނިންމެވުމުގައި ދަތިތަކެއް ލިމާވެ ލަސްވުމާގުޅިގެން އެމައްސަލަތައް ހައްލުކުރެއްވުމަށް ނާއިބު ރައީސް ހިމެނޭގޮތުން ޚާއްސަ ކޮމެޓީއެއް ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެކުލަވާލައްވާފައިވާކަމަށާއި، އެކޮމެޓީން ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމެވުމަށް ކުރައްވަންޖެހޭ އެންމެހާކަންކަން މިހާރު ކުރައްވަމުންގެންދަވާކަމަށެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަވާ "އާބާދީ 50" އަންނަ މެއި މަހުގެ ތެރޭގައި ބޭއްވެވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.

ނާއިބްރައީސް ވިދާޅުވީ، ތިނަދޫގެ އާބާދީ ފަންސާހުގެ ހަރަކާތް ރަށުގެ ރައްޔިތުންނާއި ގުޅިގެން ކުލަގަދަކޮށް ބޭއްވެވުމަށް ރައީސް ޔާމީން ބޭނުންފުޅުވާތީ، އަންނަ މެއި މަހުގެ މެދެއްހާތަނަށް ހުރިހާ ތައްޔާރީތަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ވަނީ އާބާދީ ފަންސާސް ފާޙަގަކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމެޓީއާ ގުޅިގެން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް މާލޭގައި ދިރިއުޅުއްވާ ތިނަދޫގެ އިސް ރަށްވެހިންގެ ތެރެއިން ބައެއް ބޭފުޅުން ހިމެނޭ ކޮމެޓީއެއްވެސް އެކުލަވާލައްވާފައެވެ. އަދި ރަށް ފެހިކުރުމުގެ ގޮތުން، އަންނަ ހުކުރު ދުވަހު 2000 ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއްވެސް ތިނަދޫގައި ފައްޓަވާނެކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހޯމް މިނިސްޓަރ، އަޒްލީން އަޙްމަދާއި، ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރުވަނީ ތިނަދޫގެ ހުރިހާ ރަށްޔިތުންވެސް ގުޅިގެން ޤައުމީ ކަމެއްގެ ގޮތުގައި އާބާދީ ފަންސާސް ފާހަގަކުރުމަށް އިސްކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރޭގެ ބައްދަލުވުމުގައި ސަރުކާރުން ތިނަދޫގައި ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީން ރައްޔިތުންނާއި ޙިއްސާކުރައްވާފައިވެއެވެ.