ޚަބަރު

ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ


ލ. އަތޮޅުގައި އޮތް ޔޮޓަކުން ޑައިވްކުރުމަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ފަތުރުވެރިޔާ ކަނޑުއަޑީގައި މަރުވެފައި އޮއްވާ ފެނިއެޖެއެވެ.

ތޭވީސް އަހަރުގެ މި މީހާގެ ހަށިގަނޑު ފެނިފައިވަނީ ލ. ސިކްސް ސެންސަސް ރިޒޯޓްގެ ޑައިވަރުންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިހާރު މި މީހާގެ ހަށިގަނޑު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ތަޙްީޤޤް ކުރައްވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ފަތުރުވެރިޔާ މަރުވެފައިއޮއްވައި ފެނިފައިވަނީ، ކައްދޫގެ ހުޅަނގު އުތުރުން ފަސްނޯޓިކަލް މޭލުގައި އޮތް ޔޮޓަކުން ފްރީ ޑައިވްކުރުމަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. މި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކުން ފަށާފައިވަނީ މިއަދު ހަވީރުއެވެ.

މި މީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު،  މިމަހުގެ 16 ވަނަ ދުވަހު އދ. ހުރުއެޅިއާއި، ހުކުރުދޫއާދެތެރޭ އޮތް ފަރަކަށް ޑައިވިނަށް ފޭބި 23 އަހަރުގެ ދިވެހި ޒުވާނެއްގެ ޚަބަރެއްނުވެގެން އެސަރަހައްދު ފުލުހުން އަދިވެސް ގެންދަވަނީ ބައްލަވަމުންނެވެ.