ޚަބަރު

ބޮޑެތި އެޑްވާންސް ނެގުމަށްފަހު ފިލާ މައްސަލަތައް އިތުރުވަނީ!


ވަޒީފާތަގެ ބޭނުމަށާއި، އެނޫންވެސް އެކި ބޭނުންތަކުގައި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ އެނެމެބޮޑު ދައްޗަކީ މާލޭގެ ދިރުޅެންޖެހޭ ތަންތަނުގެ ކުލީގެ މައްސަލައެވެ. ކުލި ބޮޑުވެ، ކުދިކުދި އެޕާޓްމެންޓްތަކާއި ކޮޓަރިތަކަށް، އެކަށީގެންނުވާހާ ގިނަޢަދަދެއްގެ ފައިސާ އެތަންތަނަށް ކުލީގެގޮތުގައި ދައްކަންޖެހޭ ވާހަކައަކީ ކޮންމެ ދުވަހަކު އަޑުއިވޭ ބާ ވާހަކައެކެވެ.

މިހާރަކަށްއައިސް ދިމާވާ އަނެއް މައްސަލައަކީ އެޕާޓްމެންޓްތައް ކުއްޔަށް ދޭއިރު ބޮޑެތި ޢަދަދުތަކުން އެޑްވާންސް ފައިސާ ނަގާ މައްސަލައެވެ. ބޮޑެތި ޢަދަދުތަކުން އެޑްވާންސްއަށް ކަމަށްބުނެ ފައިސާ ނެގުމަށްފަހު، މަކަރާއި ޙީލަތް ހަދައި، ތަން ޙަވާލުނުކޮށް ފިލާ މައްސަލަތައްވެސް ވަނީ ފެންމަތިވާން ފަށާފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މިބާވަތުގެ މައްސަލަތަކަށް ބަލާލާއިރު އެއް އަހަރުން އަނެއް އަހަރަށް މިފަދަ މައްސަލަތައް ހުށައެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެޕާޓްމެންޓްތައް ކުއްޔަށްދޭ އޮންލައިން ވެބްސައިޓްތައް ބަލާލާއިރު އާދައިގެ ދެކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދިނުމުގެ ކުރިން އެޑްވާންސް ފައިސާގެ ގޮތުގައި 2 މަހެއްހާ ދުވަހުގެ ކުލި ނަގައެވެ. އެއީ ގައިގަނޑަކަށް 30 ހާހާއި 40 ހާހާ ދެމެދުގެ ޢަދަދެއްގެ ފައިސާއެވެ. މީގެ އިތުރުން ކޮންމެ މަހަކު މަހުކުލިން އުނިކުރާގޮތަށް މިލިއަނުން އެޑްވާންސް ނެގުމަކީވެސް މިހާރު ޢާއްމުކަމެކެވެ. 

އެޑްވާސް ފައިސާ ނެގުމަށްފަހު ފައިސާއަށް މަކަރުހަދައި ފިލައިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު 2014 ވަނަ އަހަރު 3 މައްސަލައެއް ހުށައެޅިފައިވާއިރު، 2015 ވަނަ އަހަރު 15 މައްސަލަ އަދި 2016 ވަނަ އަހަރު 23 މައްސަލައެއް ހުށަހެޅި ފުލުހުން އެމައްސަލަތައް ތަހްޤީޤްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ޖެހިގެން އަންނަމަހު ތަން ހުސްކޮށް ޙަވާލުކުރާނެކަމަށްބުނެ އެޑްވާންސަށް 2 މަސް ނުވަތަ 3 މަސްދުވަހުގެ އެޑްވާސްން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅުމާއި، ކުއްޔަށް ހިފާ ފަރާތަށް ތަން ހަވާލުނުކޮށް އެކި ބަހަނާ ދައްކާފައި ހުންނަކަން ފާހަގަކުރެވޭކަމަށެވެ. 

މިފަދަ ކަންކަމަށް ޢާންމުން ހޭލުންތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މާލީގޮތުން އެއްވެސް މީހަކާ މުޢާމަލާތެއް ކުރާނަމަ އެފަދަ މީހެއްގެ ހަޤީޤަތް ދެނެގަތުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި އެޕާޓްމެންޓްފަދަ ތަނެއް ކުއްޔަށް ހިފާނަމަ އެތަނަކީ ކުއްޔަށްދޭފަރާތުގެ ޢިމާރާތެއްކަން ނުވަތަ އެޕާޓްމެންޓެއްކަން، ނުވަތަ ކުއްޔަށްދޭފަރާތުން ކުއްޔަށްދިނުމުގެ ހުއްދަ ލިބިގެންވާ ތަނެއްކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ކުލީގެ އެއްބަސްވުންތައް އެކުލަވައިލުމުގެ ފުރަތަމަ މަރުޙަލާގައިވެސް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުން މުހިންމުކަމަށް ފުލުހުން ވިދާޅުވެއެވެ.

އެޑްވާންސް ފައިސާ ދިނުމުގެ މުޢާމަލާތްތަކާއި، ކުލީގެ މުޢާމަލާތްތައް ކުރުމުގައި ޞައްޙަ ލިޔެކިއުން އެކުލަވާލައި، ދެފަރާތުގެ ހެކިވެރިންގެ ޙާޟިރުގައި މެނުވީ އެފަދަ މުޢާމަލާތްތައް ނުކުރުމަކީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެކަންކަމެވެ. އެޕާޓްމެންޓްތައް ކުއްޔަށްދޭނެކަމަށްބުނެ އަންނަ ކޮންމެ މީހަކަށް ފައިސާ ހަވާލު ނުކުރުމަށް ސަމާލުވާންޖެހެއެވެ. ބުރަމަސައްކަތުން އެއްކުރާ ޢާމްދަނީތައް އެއްފަހަރާ މީހަކާ ޙަވާލުކުރާއިރު، ތިމާ އެދޭ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރަންޖެހެއެވެ. މިފަދަ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ދައުރަށްވުރެ ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން މުހިންމެވެ.