ވިޔަފާރި

މުދާ އުފުލުމަށް ކަނޑައެޅުއްވި ގަވާއިދަށް ޢަމަލުކުރުން ފަސްކޮށްފި


މާލޭގައި ޑެލިވަރީގެ ގޮތުގައި ގެންދާ، ފެން، ކައްކާ ގޭހާއި އެހެނިހެން މުދާ ފިހާރަތަކަށާއި ތަންތަނަށް ލޮރީ، ޕިކަޕް ވޭން ފަދަ އުޅަނދުތަކުގައި އުފުލުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅުއްވި ގަޑިތަކާ އެއްގޮތަށް ޢަމަލުކުރަން ފަށަންޖެހޭ ތާރީޚް ފަސްކުރައްވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން މަހުދީ ޢިމާދު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އެ ގަޑިތަކަށް އަމަލުކުރަން ފަށާނެ ދުވަހެއް ފަހުން އިޢުލާންކުރައްވާނެ ކަމަށް. އަދި މި އުޞޫލަށް ޢަމަލުކުރުން ފަސްކުރެއްވީ އަލުން އެ ޤަވާޢިދު ރިވިއުކުރެއްވުމަށާއި ވިޔަފާރިކުރާ ފަރާތްތަކަށްވެސް އެކަމަށް ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އިއްޔެ ޓްރާންސްޕޯޓް އޮތޯރިޓީން ކުރެއްވި އިޢުލާނުގައިވާ ގޮތުގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން މާލޭގައި ޑެލިވަރީގެ ގޮތުގައި ގެންދާ، ފެން، ކައްކާ ގޭސް، އެކިއެކި ބުއިންތަކާއި، އެހެނިހެން މުދާ ފިހާރަތަކަށާއި ތަންތަނަށް މިމަހުގެ ސައްބީސްވަނަ ދުވަހުން ފެށިގެން ޑެލިވަރީ ކުރެވޭނީ ހެނދުނު ނުވަޔަކުން އެގާރައަށް، މެންދުރުފަހު ތިނަކުން ފަހަކަށް އަދި އިރުއޮއްސި ހަގަޑި ތިރީހުން ހެނދުނު ހަޔަކަށް ކަމަށެވެ. އެ ނޫން ގަޑިތަކުގައި ޑެލިވަރީކުރުމަކީ މަނާ ކަމެއް ކަމަށްވެސް އެ ޢިއުލާނުގައިވެއެވެ.

އަދި ބަނދަރު ސަރަޙައްދުން ގުދަންކުރުމަށް ގެންދާ މުދާ މީގެތެރޭގައި ނުހިމެނޭނެ ކަމަށްވެސް އެ ޢިއުލާނުގައިވެއެވެ. އެހެންނަމަވެސް މިގެންނެވި ބަދަލުގެ ސަބަބުން މިމަހުގެ 26 ގައި މިގޮތަށް ޢަމަލުކުރަން ފަށާކަށް ނުޖެހޭނެއެވެ.