ޚަބަރު

ޝާހުގެ ހާލު ރަނގަޅު، އަންނަ ހަފްތާގައި ގެއަށް ދޫކޮށްލާނެ


ހާޓް އެޓޭކެއް ޖެހިގެން އިއްޔެ އައި.ޖީ.އެމް.އެޗްގައި އެޑްމިޓްކުރެއްވި ކުރީގެ ޤައުމީ ކެޕްޓަން ޝާހު އިސްމާއީލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލުން މައުލޫމާތުދެއްވި ގޮތުގައި ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް އެންޖިއޯގްރާމް ހެދުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ޝާހު ހޮސްޕިޓަލުން ދޫކޮށްލާނެއެވެ. އިއްޔެ އައިސީޔޫގައި ފަރުވާދެއްވިނަމަވެސް ޝާހުއަށް މިހާރު ފަރުވާދެއްވަނީ ކްރިޓިކަލް ކެއަރ ޔުނިޓްގައެވެ.

ޝާހު އިސްމާއީލްގެ ބޭބެ މާދިހު އިސްމާއީލް ބުނީ ޝާހުގެ ޙާލު ރަނގަޅުކަމަށާއި، ސްޓޭބަލްކަމަށް ޑޮކްޓަރުވެސް ވިދާޅުވެފައިވާ ކަމަށެވެ.

"މިހާރު ރަނގަޅު. ސްޓޭބަލް. ވާހަކަދައްކާވެސް ހަދާ. ދެން ހޮނިހިރު ދުވަހު ޓެސްޓް ހެދީމަ އިނގޭނީ. إن شاء الله" މާދިހު ބުންޏެވެ.

މިހާރު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމް ފުރުއްވަމުން ގެންދަވާ ޝާހު ކުރިން ހުންނެވީ ސްޕޯރޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ. ވެލެންސިޔާއާއި، ނިއުރޭޑިއަންޓްގެ އިތުރުން ވިކްޓްރީއަށްވެސް ކުޅުނު ޝާހު އިސްމާއީލްއަކީ ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރައްވައި، ޤައުމީ ޓީމާއެކު ރިހި މެޑަލް ހޯދި ކުޅުންތެރިއެކެވެ. ކުޅިވަރަށް ޚިދުމަތްކުރެއްވުމުން ޤައުމީ އިނާމްވެސް ލިބިލައްވާފައިވާ ޝާހު ކުޅުން ހުއްޓާލެއްވުމަށްފަހު މަސައްކަތް ކުރެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ ގޮތުގައި އެސޯސިއޭޝަން ހިންގެވުމުގައެވެ. ބައިނަލްއަޤްވާމީ ގިނަ މެޗުތަކެއްގެ މެޗު ކޮމިޝަނަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.

ޝާހު ވަނީ 1998 އަދި 1999 ވަނަ އަހަރު ރަންބޫޓާއި، 98 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯއްދަވާފައެވެ.