ޚަބަރު

"ބީއެމްއެލް ކޭޝްލެސް ރައިޑް" އިފްތިތާޙު ކޮށްފި


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ " ބީއެމްއެލް ކޭޝްލެސް ރައިޑް" އިފްތިތާޙު ކޮށްފިއެވެ.

ބީއެމްއެލްގެ ކެޝްކާޑް ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާދެއްކޭ މިޚިދުމަތް އިފްތިތާޙުކުރީ މީގެ އިރުކޮޅެއް ކުރިންނެވެ. ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ފުރަގަހުގައި އޮތް ޚާއްސަ ރަސްމިޔާތެއްގައި މިޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އެންޑް ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙަންމަދު ޝަރީފެވެ. 

މިއީ ޓެކްސީ ކުރުމުގެ ގަވައިދުގެ ދަށުންވެސް ދޭންޖެހޭ ޚިދުމަތެވެ. އެހެންނަމަވެސް މިޚިދުމަތް ދޭންފަށަން ކަނޑައަޅާފައިވާ ސުންގަޑި އަދި ހަމައެއްނުވެއެވެ. 

ޓެކްސީ ކުރުމުގެ ގަވައިދަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގައި ބުނެފައިވަނީ ދަތުރުކުރާ މިންވަރު އަދި ފައިސާ ނަގާވަރު ދައްކުވައިދޭ މީޓަރަކާ އެކު، ރާއްޖޭގައި ހިންގާ ބޭންކުތަކުން އާންމުންނަށް ދޫކޮށްފައިވާ ކޭޝް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ޓެކްސީކުރާ އުޅަނދުތަކުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް އެކުލަވާލައި ގެޒެޓްގައި ޝާއިއުކުރެއްވި ޤަވާޢިދުގައި ބުނެފައި ވަނީ، ޓެކްސީ ކުރާ އުޅަނދުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ޓެކްސީ ފެއާ، އެނގޭނެ މީޓަރެއް ފަސިންޖަރުންނަށް ފެންނަ ގޮތަށް އެ އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ހަރުކޮށްފައި ހުންނަން ވާނެ ކަމަށެވެ. އެ އިސްލާހަށް ޑިސެމްބަރު 29 ގައި އަމަލު ކުރަން ފަށާފައިވީނަމަވެސް، ޓެކްސީ މީޓަރު ހަރުކުރުމާއި ކޭޝްކާޑުން ފައިސާ ދެއްކޭނެ ނިޒާމް ގާއިމުކުރަން ޖެހެނީ އެ ގަވާއިދަށް އަމަލުކުރަން ފަށާތާ 180 ދުވަސް ފަހުން ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މި މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.