ކުޅިވަރު

ޓީސީ ސްޕޯޓްސް ކްލަބް ޝައިޚް ކަމާލް މުބާރާތުގެ ސެމީފައިނަލަށް


ބަނގްލަދޭޝްގައި ކުރިޔަށްދާ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކްލަބް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު 2 ވަނަ މެޗްވެސް ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ. 

2 ވަނަ މެޗްގައި ކިރްގިސްތާންގެ އެފްސީ އަލްގާއާ ވާދަކޮށް ޓީސީ މެޗް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. ޓީސީ މެޗް ކާމިޔާބުކުރީ އަލްގާ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ 2 ލަނޑު ކާމިޔާބުކޮށްގެނެވެ. މެޗްގެ ފުރަތަމަ ހާފްގައި އަލްގާ ލަނޑެއް ޖަހާ ލީޑް ނަގާފައިވަނިކޮށް، ޓީސީއަށް ނަތީޖާ ހަމަހަ ކޮށްދިނީ ޓީސީގެ މެދުތެރެއަށް ކުޅެމުން އަންނަ އިބްރާހީމް ވަހީދެވެ. 2 ވަނަ ހާފްގައި ޓީސީގެ 2 ވަނަ ލަނޑު ކާމިޔާބުކޮށް 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކޮމެލަސްއެވެ. މި ނަތީޖާއާއެކު ކިރްގިސްތާނުގެ އެފްސީއަލްގާ ވަނީ މުބާރާތުން ކަޓާފައެވެ. 

ކުޅުނު 2 މެޗް ކާމިޔާބުކޮށް ޓީސީ ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ޓީސީ ކާމިޔާބު ހޯދީ ބަނގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީގެ މައްޗަށް 1-0 ނެވެ. ގްރޫޕްގެ ފަހު މެޗްގައި ޓީސީ ވާދަކުރަންޖެހޭނީ ދެކުނު ކޮރެއާގެ ޕޮޗެއަން ސިޓިޒެން އެފްސީއާއެވެ.