ވިޔަފާރި

ފެނާއި ގޭސް ޑެލިވަރ ކޮށްދޭން ގަޑިތަކެއް ކަނޑައަޅުއްވައިފި


ފެނާއި ކައްކާ ގޭހާއި އެހެނިހެން މުދާ ފިހާރަތަކަށާއި ތަންތަނަށް ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި އުފުލުމަށް ވަކި ވަގުތުތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅުއްވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިޢުލާންކުރެއްވި ގޮތުން އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން މާލޭގައި ޑެލިވަރީކޮށްދޭ ފެނާއި ކައްކާ ގޭސް، އެކިއެކި ބުއިންތަކާއި، އެހެނިހެން މުދާ ފިހާރަތަކަށާއި ތަންތަނަށް މިމަހުގެ ސައްބީސްވަނަ ދުވަހުން ފެށިގެން ޑެލިވަރީ ކުރެވޭނީ ހެނދުނު ނުވަޔަކުން އެގާރައަށް، މެންދުރުފަހު ތިނަކުން ފަހަކަށް އަދި އިރުއޮއްސި ހަގަޑި ތިރީހުން ހެނދުނު ހަޔަކަށް ކަމަށެވެ. 

އެ ނޫން ގަޑިތަކުގައި ޑެލިވަރީކުރުމަކީ މަނާ ކަމެއް ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގަވައެވެ. ޑެލިވަރީއަށް ވަގުތުތަކެއް ކަނޑައެޅުއްވި ނަމަވެސް ބަނދަރު ސަރަޙައްދުން ގުދަންކުރުމަށް ގެންދާ މުދާ މީގެތެރޭގައި ނުހިމެނޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަންގަވައެވެ.