ވިޔަފާރި

"ރާއްޖޭގެ ވިޔަފާރި މުޢާމަލާތްތައް ޑަބްލިޔުޓީއޯއިން ބަލައިގަނޭ"


ދިވެހިރާއްޖެއިން ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދާ ގޮތް ވާރލްޑް ޓްރޭޑް އޮގަނައިޒޭޝަނުން މިއަދު ބަލައިގަންނަމުންދާކަން ހާމަވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ، މިނިވަން ވިޔަފާރީގެ މުޢާމަލާތްތަކުގައި ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ގުޅިގެން ކަސްޓަމްސް ބިލްޑިންގައި ފެށި މަސައްކަތު ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ބައިނަލްއަޤްވާމީ ވިޔަފާރީގެ އެކިއެކި މުޢާމަލާތްތަކުގައި އަދުގެ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ސިޔާސަތުތައް ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން ފަދަ ޖަމްޢިއްޔާތަކުން ވަރަށް ރަނގަޅަށް ބަލައިގަންނަމުންދާ ކަމަށެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއެކު ވިޔަފާރީގެ މުޢާމަލާތްތަކުގައި ކުރިން ލިބެމުން އައި ބައެއް އިނާޔަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެކަންކަމުން ފަސޭހަ ހޯދުމަށް ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޗައިނާއާއެކު ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް މިހާރު ނިމިފައިވާ ކަމަށެވެ. މިގޮތުން އެއްބަސްވުމުގައި ޖޫންމަހުގެ ތެރޭގައި ސޮއިކުރައްވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާގެ އިތުރުންވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، ޖަޕާން އެމެރިކާ ފާހަގަކޮށްލެވެއެވެ.