ޚަބަރު

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި


ސްޓެލްކޯއިން، ކެއަރ ސޮސައިޓީއަށް އެއްއަހަރު ދުވަހުގެ މުއްދަތަކަށް ޓީޗަރަކު ހަމަޖައްސައިދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ޙަފްލާގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގް ޑިރެކްޓަރ އަބްދު ޝުކޫރެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ، އެޖަމްޢިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ ނައުޝާން މުހައިމިނެވެ.

ސްޓެލްކޯއާއި ކެއަރ ސޮސައިޓީއާ މެދު މިއަދު އެއްބަސްވެފައިވަނީ، އެއްއަހަރުދުވަހުގެ މުއްދަތަކަށް، ކެއަރ ސޮސައިޓީން ހިންގާ ކެއަރ ޑެވެލޮޕްމެންޓް ސެންޓަރުގައި ކިޔަވައިދޭ ޓިޗަރެއްގެ މުސާރައާއި ޢިނާޔާތްތައް ހަމަޖައްސައިދިނުމަށެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ޢާއްމު އިޖްތިމާއީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓީ ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދްމަތްދޭ ޖަމްޢިއްޔާ ޖަމާއަތްތަކަށާއި، އެފަދަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކުގައި ހިންގާ ސެންކްލާސްތަކަށް، ވަކި އުޞޫލެއްގެ ދަށުން އެހީތެރިކަން މިހާރުވެސް ދެމުން އަންނަ ކަމަށާއި، މުސްތަޤްބަލުގައި މިއަށްވުރެ ފުޅާދާއިރާއެއްގައި، މި ފަދަ މީހުންނާއި ކުދިންނަށް އެހީތެރިވުމަށް ވިސްނާކަމަށެވެ.

ސްޓެލްކޯއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2014 ވަނަ އަހަރުން ފެށިގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައިވާ ސްޓެލްކޯގެ އެކި އޮފީސްތަކުގައި ޖުމްލަ 30 މީހުން ވަޒީފާ އަދާކުރަމުންދެއެވެ. މިމީހުންނަށް މުސާރަ ދިނުމާއި ވަޒީފާގެ ޒިންމާ އަދާކުރުމުގައި އެހެން މުވައްޒަފުންނާއި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކެއަރ ސޮސައިޓީއަކީ، 1998 އިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ގޮތާގޮތުން އެހީތެރިވުމާއި، ހޭލުންތެރިކުރުވުމުގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އަދި އެޖަމްޢިއްޔާގެ ކެއަރ ޑެވެލޮޕްމެންޓް ސެންޓަރެއް 2001 ވަނަ އަހަރު ޤާއިމްކުރައްވައި، އެތަނުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސީޑީސީ ގައި މިހާރު 19 ކުދިން ކިޔަވަމުން އެބަގެންދެއެވެ.