ކުޅިވަރު

އިބްރަހިމޮވިޗްގެ ގޯލާއެކު ޔުނައިޓެޑް އެފް.އޭ ކަޕްގެ ކްއާޓަރއަށް


ފަހު ހާފުގައި ކުޅެން އަރައި، ޒްލަޓާން އިބްރަހިމޮވިޗް ކާމިޔާބުކުރި ގޯލާއެކު އެފް.އޭ ކަޕުގެ ފަސްވަނަ ބުރުން ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ޗެމްޕިއަންޝިޕުން ރެލިގޭޓް ނުވެ ސަލާމަތްވުމަށް މަސައްކަތްކުރަމުން އަންނަ ބްލެކްބާން ރޯވާސް އަތުން ޔުނައިޓެޑް ރޭ މޮޅުވީ ބްލެކްބާން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުންއަރައި ދެ ގޯލް ޖަހައިގެންނެވެ.

ރޭގެ މެޗުގެ 17 ވަނަ މިނިޓުގައި ބްލެކްބާންގެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ގްރަހަމްއެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން މާކަސް ރަޝްފޯޑް ވަނީ ގޯލެއްޖަހައި ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފުގައި މެޗް ކޮންޓްރޯލްކޮށްގެން ކުޅުނީ 12 ފަހަރު މި މުބާރަތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މެޗުގެ 75 ވަނަ މިނިޓުގައި އިބްރަހިމޮވިޗް ގޯލް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕޯލް ޕޮގްބާ ދިން ޕާހަކުންނެވެ.

މި ގޯލަކީ ސްވިޑަންގެ ކުޅުންތެރިޔާ އެފް.އޭ ކަޕުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް މުޅިއެކު 24 ގޯލް ކާމިޔާބުކޮށްދީފައެވެ.