ކުޅިވަރު

އެމް.އީ.ސީ.ސީ އެކަޑަމީގެ ކުދިންނަށް ފުޓްސަލް މުބާރާތެއް ފަށައިފި


އެމް.އީ.ސީ.ސީ އިންވިޓޭޝަނަލް ފުޓްސަލް ޓޯރނަމަންޓް 2017، ސްރީ ލަންކާގެ ކޮލޮމްބޯގައި އިއްޔެ ފަށައިފިއެވެ.

މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ(އެމް.އީ.ސީ.ސީ)އިން ބޭއްވި މި މުބާރާތަކީ އެ ސެންޓަރުގެ ކުދިންގެ އިތުރުން ސްރީ ލަންކާގެ ބައެއް ޓީމްތަށްވެސް ބައިވެރިވެގެން ކުރިޔަށްދާ މުބާރާތެކެވެ.

އިއްޔެ ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ އެމް.އީ.ސީ.ސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާ އެމްބަސީގެ ތިންވަނަ ސެކެޓްރީ އަބްދުއްރަޝީދު އާދަމްއެވެ. މި މުބާރާތުގައި 3 އުމުރުފުރާޔަކުން ޖުމްލަ 13 ޓީމް ވާދަކުރާއިރު އެމް.އީ.ސީ.ސީ އެކަޑަމީގެ 6 ޓީމް އޭގެތެރޭގައި ހިމެނެ އެވެ. މި މުބާރާތް ކުރިޔަށްދާ އުމުރުފުރާތަކަކީ 9 އަހަރުން ދަށް، 11 އަހަރުން ދަށް އަދި 14 އަހަރުން ދަށެވެ.

އެމް.އީ.ސީ.ސީ އިން ހާމަކުރާގޮތުގައި މި މުބާރާތުގެ މައިގަނޑު މަގްސަދަކީ އެކަޑަމީގެ ކުދިންނަށް މެޗް ތަޖުރިބާ ހޯދައިދިނުމެވެ.

img:http://s3.psmnews.mv/images/660x400/14875673893524.jpg|އެމްއީސީސީ ފުޓްސަލް މުބާރާތުގެ ތެރެއިން ފޮޓޯ:އެމްއީސީ

މި މުބާރާތުގެ ފައިނަލް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އެމް.އީ.ސީ.ސީއިން ހާމަކުރައްވާ ގޮތުގައި މިއަހަރުތެރޭ އަދި މިއަށްވުރެ ބޮޑު މުބާރާތެއް ބޭއްވުމަށް އެ ސެންޓަރުން ދަނީ ރާވަމުންނެވެ.

މި މުބާރާތުގައި ސްރީ ލަންކާގެ އިތުރު ސްކޫލްތަކަށް ހުޅުވާލައިގެން ގިނަ ޓީމްތަކަކަށް ފުރުސަތުދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.އީ.ސީ.ސީ އިން މަޢުލޫމާތުދެއްވައެވެ.