ކުޅިވަރު

ފެށީ 3 ކުދިންނާއެކު، މިހާރު 200 އަށްވުރެ ގިނަ


ކުޑަހުސެއިންއަކީ ކުޅިވަރުގެ މަޤްބޫލް ފަރިތަ ނަމެކެވެ. ދުވުމުގެ ޤައުމީ ރެކޯޑްތައް ހެއްދެވި ކުރީގެ ބާރު ދުވުންތެރިއެކެވެ. ކުޅިވަރު އެސޯސިއޭޝަންތައް ހިންގެވުމުގައި މަސައްކަތްކުރެއްވިއެވެ. އޮލިމްޕިކް ކޮމިޓީގައިވެސް މުޙިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. މިއަދު އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ މީހުން ބިނާކުރުމަށެވެ. ތަފާތު ކުޅިވަރުތަކުން ކުރިއަށް ދިއުމުގައި ކުޅުންތެރިންނަށް ކުޅުންތެރިންނަށް ވާން ބޭނުންވާ ކުޑަކުދިންނަށް އެހީތެރިވުމަށެވެ.

ކުޅިވަރުގެ ރޮނގުން މަތީ ތަޢުލީމް ހާސިލްކުރެއްވުމަށްފަހު ކުޅިވަރަށް ޙިދުމަތް ކުރުމުގެ ނިޔަތުގައި މީގެ ދެ އަހަރު ކުރިން ފެށްޓެވި ކުޑަހުސެއިން ސްޕޯރޓްސް އެކަޑަމީއާ ގުޅޭގޮތުން އޭނާ ވިދާޅުވީ މިއީ ކޮންމެ ކުޅިވަރެއްގައިވެސް ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާގޮތަށް ކުރިއަށްގެންދާ އެކަޑަމީއެއް ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14875646392015.jpg|އެކަޑަމީގެ ބައެއް ބައިވެރިން ތަމްރީންތަކުގައި: ފޮޓޯ-ކުޑަހުސެއިން އެކަޑަމީ

އެކަޑަމީ ފުރަތަމަ ފެށި ދުވަހު ލިބުނީ އެންމެ ތިން ކުދިން ކަމަށާއި، އެއީވެސް ގާތް ރައްޓެހިންގެ ތިން ދަރިންކަން ކުޑަހުސެއިން ފާހަގަކުރެއްވިއެވެ. މީހުން ހޭލުންތެރިވެ، ދުޅަހެޔޮކަމާއި، ކުޅިވަރުގައި ކުރިއަށް ދިއުމުގައި ކަންކުރަންވީ ގޮތްށް ހޭލުންތެރިވުމުގެ ނަތީޖާއަކީ މިހާރު އެ އެކަޑަމީގައި އަބަދުވެސް ކުދިންނާ ބޮޑެތި މީހުންނާއެކު މަދުވެގެން ދުއިސައްތައާއި ދުއިސައްތަ ފަންސާހާ ދެމެދުގެ އަދަދަކަށް މީހުން ތަމްރީނުވަމުން ދާކަމަވެ. ކުޑަ ހުސެން ވިދާޅުވީ މިވީ ދެ އަހަރާއި، ބައިގެ ތެރޭގައި އަކަޑަމީއަށް ވަރަށް ބޮޑު ތަރުހީބަކާ ކުރިއެރުމެއް ލިބިއްޖެ ކަމަށާއި، އެކަން ހަމައެކަނި އެކަޑަމީއަށް އަންނަ ކުދިންގެ އަދަދުން އެނގިގެން ދާކަމަށެވެ. އޭނާ ވިދާޅުވީ އެކަޑަމީގައި މިހާރުވެސް ހަތަރު އަހަރުން ފެށިގެން ފަސްދޮޅަސް އަހަރާ ދެމެދުގެ މީހުން ތަމްރީނު ހަދަމުން އަންނަކަމަށާއި، މި އެކަޑަމީގައި ހުރިހާ ކުޅިވަރެއްގެ ތަމްރީނުތައް ދެވެމުން އަންނާނެކަމަށެވެ.

" މިކަން ފެށީ ގާތް ރަށްޓެހިންގެ ތިން ކުދިންނާއެކު. އެއަދަދު ދުއިސައްތައަށްވުރެ މައްޗަށް އަރައިފި. މީހުންގެ ޝައުޤުވެރިކަން އިތުރުވެ ހޭލުންތެރިވި މިންވަރު މިއިން އެނގިގެންދަނީ. މިއެކަޑަމީގެ ތެރެއިން ހުރިހާ ކުޅިވަރަކަށް އެހީތެރިމަން ލިބޭނެ " އޭނާ ވިދާޅުވިއެވެ.

ކޮންމެ ބަޔަކަށްވެސް ހަފްތާއަކު ތިން ސެޝަން އޭނާ ކުރިއަށް ގެންދަވައެވެ.  އެ ހުރިހާ ފަރާތްތަކަކަށް ކިޔަވައިދިނުމަށް ކޮންމެ ދުވަހަކުވެސް މަދުވެގެން ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު އޭނާ ހޭދަކުރައްވައެވެ. ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކުރިން ޓްރޭނިންގތައް ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރު ބެލެނިވެގެން ވަރަށް ބޮޑު އެދުމެއްގެ މަތިން ހަތަރު އަހަރުގެ ކުދިންނަށް އިތުރު އުމުރުފުރައެއްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. 

img:http://s2.psmnews.mv/images/660x400/14875646721655.jpg|ކުޑަކުދިންތަކެއް ތަމްރީން ހޯދަނީ: ފޮޓޯ-ކުޑަހުސެއިން އެކަޑަމީ

" ތަރުހީބު ބޮޑުވެގެން، ބެލެނިވެރިންގެ އެދުމުގެ މަތީން ހަތަރު އަހަރުގެ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލީ " ދުވާލާއި ރޭގަނޑުގެ ގިނަވަގުތު ޓްރެކްގައި ހޭދަކުރައްވަމުން ގެނަދަވާ ހުސެއިން ވިދާޅުވިއެވެ.

ކުޑަހުސެން އެކަޑަމީގައި ތަމްރީނުވަމުން އަންނަ ބައެއް ފަރާތްތަކުން ބުނީ މިއީ ކުޅިވަރުގެ ތެރެއަށް ވަނުމުގެ ކުރިން ތަމްރީނުވާން ވަރަށް ރަނގަޅު އެކަޑަމީއެއް ކަމަށާއި، އަދި އެހެނިހެން ގޮތްގޮތުންވެސް ކަސްރަތު ކުރުމަށް އަންނަން ވަރަށް ރަނގަޅު އެކަޑަމީއެއް ކަމަށެވެ. މީގެ އިތުރުން އެކަޑަމީގެ ޙަރަކާތްތައް ކުރިއަށް ގެންދާގޮތާމެދު އެކަޑަމީގައި ތަމްރީނުވަމުން އަންނަ ބައިވެރިން ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.

" ކޮންމެ ކުޅިވަރަކުން ކުރިއަށްދާންވެސް މިއެކަޑަމީގެ ތެރެއިން އެހީތެރިވެދޭ. ވަރަށް ރަނގަޅު ފުރުޞަތެއް މިއީ " އެކަޑަމީން ތަމްރީން ހޯދަމުންދާ ބައިވެރިއަކު އޭނާގެ ހިޔާލު ފާޅުކުރިއެވެ.

ފުލްޓައިމް ދެ ސްޓާފުންނާ ޕާޓްޓައިމް ހަތަރު ސްޓާފުންނާއެކު މި އެކަޑަމީގައި މިހާރު ހަތަރު ކޯޗުން ޙަރަކާތްތެރިވަމުން ދެއެވެ. މި އެކަޑަމީގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ނަގަމުން އަންނަނީ މަހަކު ފައްސަތޭކަ ރުފިޔާއެވެ.