ޚަބަރު

ވިއްސާރާގައި ތ. ގުރައިދޫ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް


ތ. އަތޮޅު ގުރައިދޫއަށް ކުރި ވިއްސާރާގައި އެރަށު ބަނދަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން އަޙަދު ވިދާޅުވީ މިއަދު އެރަށަށް ކުރި ވިއްސާރައިގައި، އެރަށު ބަނދަރު ސަރަޙައްދުގެ ތޮށިގަނޑުކައިރި ވެލިގަނޑުން ބައެއް ފަޅުތެރެއަށް ފޭބުމުގެ ސަބަބުން ތޮށިގަނޑުން 35 ފޫޓު ކަނޑައިގެން ބަނދަރު ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. މި ޙާދިސާއަށްފަހު ބަނދަރުގެ ވެއްޓިފައިވާ ސަރަޙައްދު ބޭނުން ނުކުރުމަށް ރަށުކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އަންގަވާފައެވެ. img:http://s1.psmnews.mv/images/660x400/14874981418187.jpg|ތ. އަތޮޅު ގުރައިދޫ ބަނދަރު ސަރަޙައްދު - ފޮޓޯ: ކައުންސިލް

ގުރައިދޫއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސްކޫލަށާއި އެރަށުގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުންވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ގޭގެއަށާއި ސްކޫލަށް ފެންވަނުން މަދުކޮށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރަށުގެ އެކި ސަރަޙައްދުތަކުގައި ފެންހިދޭގޮތް ހަދައި، ގޭގޭގެ ބޭރުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގުރައިދޫގެ އިތުރުން އެއަތޮޅު ހިރިލަންދޫއަށްވެސް ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ގެތަކަށާއި ޕޮލިސް ސްޓޭޝަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެރަށުގައި ވެސް ފެންހިއްކައި، ގެތަކަށް ފެންވަނުން ހުއްޓުވުމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން ރަށުގެ ރައްޔިތުންނާއި، ކައުންސިލާއި، އެރަށުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއަތޮޅު ދިޔަމިގިލީގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިއްކުމުގެ މަސައްކަތްވެސް ފުލުހުންނާއި އެރަށުގެ ކައުންސިލް ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14874982933416.jpg|ތ. އަތޮޅު ގުރައިދޫގައި ފެންބޮޑުވުން - ފޮޓޯ: ކައުންސިލް