ޚަބަރު

ކެރިއަރ އެކްސްޕޯ 2017 އަށް ބޮޑު ތަރުޙީބެއް!


ހުޅުމާލޭގައި ބޭއްވި ޔޫތް ކެރިއަރ އެކްސްޕޯ ދެހާސް ސަތާރައިގައި އެއްހާހަށްވުރެ ގިނަ ޒުވާނުން ވަޒީފާއަށް ނަންނޯޓުކޮށްފިއެވެ. 

މި އެކްސްޕޯއަކީ ޒުވާނުން ބާރުވެރުކުރުވާ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެގޮތުން ސަރުކާރުން ކުރިޔަށް ގެންދެވި އެކްސްޕޯއެކެވެ.

ހުޅުމާލޭ ރެހެނދި ސްކޫލްގައި ކުރިއަށްދިޔަ އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މި ފެއާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ ގުޅިވަޑައިގެން ބޭއްވި ފެއާއެކެވެ. 

މިފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް ޒުވާނުން ބިނާކުރެއްވުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވި ރައީސަކީ ރައީސް ޔާމިންކަމުގައެވެ. ސަރުކާރުން ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ވަޒީފާގެ ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ކޮންމެ ވަޒީފާއަކީވެސް ޝަރަފްވެރި ވަޒީފާއެއްގެ ގޮތުގައި ބަލައިގަތުމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއެއްގެގޮތުގައި ތަރައްޤީކުރައްވާ ތަނަކަށް ވާއިރު ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުއްވާލައްވައި ފަސޭހަކަމާއެކު ވަޒީފާ ލިބޭނެ މަގުފަހިކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

ހުޅުމާލޭގައި ވަޒީފާ އިތުރުކުރެއްވުމަށް ކުރައްވާ އެކި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އެގޮތުން 2013 ވަނަ އަހަރުގެ ނިޔަލަށް 18 ގެސްޓްހައުސް ހުރި ހުޅުމާލޭގައި މިހާރު 80 ގެސްޓްހައުސް ހަދައި، ޚިދުމަތްދެމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ. އަދި މިދިޔަ ތިންއަހަރު ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ހަތަރު ގުނައަށް އިތުރުވެފައިވާކަން ސައިމަން ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ވިދާޅުވާގޮތުގައި މިއަދު ކުރިއަށްދިޔަ ފެއާގެ ސަބަބުން ޒުވާނުނަށް1000  އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ވަނީ ޒުވާނުނަށް ޔަގީންވެފައެވެ. 

ޖުމްލަ 20 ކުންފުންޏަކުން މިފެއަރގައި ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި މިވަގުތު ޙަރަކާތްތެރިވާ އެކި މުއައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކެވެ. 

މި ފެއާއަށް ޒުވާނުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.