ޚަބަރު

ޔޫތު ކެރިއަރ އެކްސްޕޯ 2017 ފެށިއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން، އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ބާއްވާ ޔޫތު ކެރިއަރ އެކްސްޕޯ 2017 ފަށްޓަވައިފިއެވެ. މިއެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭގައި މިއަދު ފެށި ޔޫތު ކެރިއަރ އެކްސްޕޯ ދެހާސް ސަތާރަ ބޭއްވުމުގެ މަޤްޞަދަކީ ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއިގުޅޭ މަޢުލޫމާތު ޒުވާނުންނާއި ޙިއްޞާކޮށް، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިކޮށްދިނުންކަމަށް މިފެއަރ ކުރިއަށްގެންދާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14874226866475.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ޔޫތު ކެރިއަރ އެކްސްޕޯގައި ވާހަކަފުޅުދައްކަވަނީ- ފޮޓޯ: ޕީއެސްއެމް

މިފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް ޒުވާނުން ބިނާކުރެއްވުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވި ރައީސްއަކީ ރައީސް ޔާމީންކަމުގައެވެ. ސަރުކާރުން ޒުވާނުންނަށް ޚާއްޞަކޮށް ވަޒީފާގެ ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ކޮންމެ ވަޒީފާއަކީވެސް ޝަރަފްވެރި ވަޒީފާއެއްގެ ގޮތުގައި ބަލައިގަތުމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލެއަކީ ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްޤީކުރައްވާ ތަނަކަށް ވާއިރު ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލާ ފަސޭހަކަމާއެކު ވަޒީފާ ލިބޭނެ މަގުފަހިކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14874224038828.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޔޫތު ކެރިއަރ އެކްސްޕޯ ބައްލަވާލައްވަނީ- ފޮޓޯ: އެޗްޑީސީ

މި ފެއަރގެ ތެރޭގައި 1000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ސައިމަން ވިދާޅުވިއެވެ. ހުޅުމާލޭގައި ވަޒީފާ އިތުރުކުރެއްވުމަށް ކުރިއަށް ގެންދަވާ އެކި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އެގޮތުން 2013 ވަނަ އަހަރުގެ ނިޔަލަށް 18 ގެސްޓްހައުސް ހުރި ހުޅުމާލޭގައި މިހާރު 80 ގެސްޓްހައުސް ހަދާ ޚިދުމަތްދެމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ. އަދި މިދިޔަ ތިން އަހަރު ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތައް ހަތަރުގުނައަށް އިތުރުވެފައިވާކަން ސައިމަން ފާހަގަކުރެއްވިއެވެ.

ޖުމްލަ 20 ކުންފުންޏަކުން މިފެއަރގައި ބައިވެރިވެފައިވެއެވެ. މީގެ  ތެރޭގައި ހިމެނެނީ ހުޅުމާލޭގައި މިވަގުތު ޙަރަކާތްތެރިވަމުންދާ އެކި މުޢައްސަސާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކެވެ. މިފެއަރގައި، އެކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަކީ ކޮބައިކަން ޒުވާނުންނަށާއި، ފެއަރއަށް ޒިޔާރާތްކުރާ މީހުންނަށް އަންގައިދީ، އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށާއި، އިންޓަރވިއުކުރުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މިފެއަރކުރިއަށްދާނީ މިރޭ 22:30 ނިޔަލަށެވެ.