ޚަބަރު

ގެއްލިގެން އުޅޭ މީހާ ހޯދުމަށް އިތުރު ޑައިވަރުން ހަރަކާތްތެރިވަނީ


އދ. ހުރުއެޅި ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދާ އަޙްމަދު ޖައިލަމް ހޯދުމަށް ކޯސްޓްގާރޑުން ކުރައްވާ މަސައްކަތުގައި ޑައިވަރުންގެ އިތުރު ޓީމުތައް ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، އަޙްމަދު ޖައިލަމް ގެއްލުނު ހިސާބުގައި ކޯސްޓްގާރޑްގެ ޑައިވަރުންގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އިތުރު ޑައިވަރުންނާއި، ސަން އައިލަންޑް ރިސޯޓްގެ ޑައިވަރުންގެ ޓީމެއްވެސް ޖައިލަމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިހާތަނަށް އޭނާގެ ޚަބަރެއްވެފައި ނުވާކަމަށެވެ. ޖައިލަމް ހޯދުމުގެ މަސައްކަތް އިއްޔެ ވައިގެ މަގުންވެސް ކުރެއްވިއެވެ.

ނުވަ މީހުންނާއެކު ދަތުރުކުރި ރ.ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނިން ހުއިފިލަނޑާ ނަގަން ފޭބި ތިންމީހުންގެ ތެރޭގައި ހިމެނޭ، ށ.ޅައިމަގު އެވަރެސްޓް، ޢުމުރުން 23 އަހަރުގެ ޖައިލަމްގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ އޭނާއާއެކު ޑައިވިންއަށް ދިޔަ ދެމީހުން މައްޗަށް އެރިއިރުވެސް، އަޙްމަދު ޖައިލަމްގެ ޚަބަރެއް ނުވުމުންނެވެ. 

ޑައިވިންއަށް ފޭބިއިރު، އަޙުމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި ކަޅުކުލައިގެ ޑައިވިންގ ޖެކެޓެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެނާގެ އަތުގައި ރަތްކުލައިގެ ބެލޫނެއް ވާނެ ކަމަށާއި އަޙްމަދު ޖައިލަމުގެ އިސްކޮޅުގައި 5 ފޫޓް 6 އިންޗި ހުންނަ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ޖައިލަމްއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާރޑުން އެދިވަޑައިގަންނަވައެވެ.